ރާއްޖޭގައި އިސްލާމީ ޝަރީއަތުގައި ބަޔާން ވެގެންވާ ގިސާސްގެ ހުކުމް ތަންފީޒުކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ހ. ޝީރީންވިލާ ގޭގައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، އަލީ ޝާހިލް އެވެ. އަދި އޭނާ ވަނީ މި މައްސަލަ ތަހުގީގްކޮށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީން ބާރު ލިގެންވާ މަގުން، ގާނޫނުލް އުގޫބާތުގައިވާ ގޮތުގެ މަތިން ރާއްޖޭގައި އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ގިސާސްގެ ހުކުމް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކަށް ހައްގު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީއަތުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޝިއާއުގެ މަރު އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.