ޑާންސް ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ޝޯއަކީ "ޖަލަކް ދިކްލާ ޖާ" އެވެ. ކަލާޒް ޓީވީއިން ގެނެސްދޭ "ޖަލަކް ދިކްލާ ޖާ" ފަސް އަހަރުގެ މެދުކެނޑުމަށްފަހު މިހާރު އަންނަނީ 10 ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ކަލާޒް އިން ވަނީ މިޝޯގެ ބައިވެރިވާ ބައެއް ޓީވީ ތަރިންގެ ޕްރޮމޯ ދައްކާލާފަ އެވެ.

ކަލާޒް ޓީވީއިން އާންމުކޮށްފައިވާ ޕްރޮމޯތަކުން މިފަހަރުގެ ސީޒަންގައި ބައިވެރިވާ ޓީވީ ތަރިން ތެރޭގައި ޝިލްޕާ ޝިންޑޭ، ނިއާ ޝަރުމާ، ދީރަޖް ދޫޕަރް، ޕާރަސް ކަލްނަވަތު، އަމްރުތާ ޚާންވިލްކަރް، ނިތީ ޓޭލާ އަދި ގަޝްމީރު މަހާޖާނީ ހިމެނެ އެވެ.

https://www.instagram.com/p/Cg9VEY1jKIS/

މިފަހަރުގެ ސީޒަންގައި ވެސް ޖަޖެއްގެ ގޮތުގައި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި ޑައިރެކްޓަރު ކަރަން ޖޯހަރްގެ އިތުރުން ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ވަރުގަދަ އަންހެން ނެށުންތެރިޔާ ނޯރާ ފަތުހީ ބައިވެރިވާނެ އެވެ.

މި ޝޯގެ 9 ވަނަ ސީޒަން ގެނެސްދިނީ 2017 ގަ އެވެ.

https://www.instagram.com/p/Cg9WwBtjQYH/

މަނީޝް ޕޯލް ހޯސްޓްކޮށް ޖެކްލީން ފަރްނާންޑޭޒް، ކަރަން ޖޯހަރް، ގަނޭޝް ހެގްޑޭ، އަދި ފަރާ ޚާން ޖަޖުކޮށްދިން މި ޝޯ ކާމިޔާބުކުރީ ނޭޕާލްގެ މަޝްހޫރު ނެށުންތެރިއެއް ކަމަށްވާ ޓެރިޔާ ފުންޖާ މަގަރެވެ.

"ޖަލަކް ދިކްލާ ޖާ" އަކީ 2006 ގައި ގެނެސްދޭން ފެށި ޝޯއެކެވެ. މި ޝޯ 2006-2011 އަށް ގެނެސްދިނީ ސޮނީ ޓީވީންނެވެ. ކަލާޒް އަށް ޝޯ ބަދަލުވީ 2012 ގަ އެވެ.