އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިތުބާރު ނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ބުނެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދިނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ޔާމީނާ އޮތް ގުޅުން ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުން ހުށަހެޅުމުންނެވެ.

ހެކިބަސް ދެމުން ނާޒިމް ވިދާޅުވީ ބޮޑު ޚިޔާނާތް ހިންގީ އެންމެން ރާވައިގެން ކަމަށާއި އެކަމުގެ އިސް މޭސްތިރިއަކީ ޔާމީން ކަމަށެވެ. އަދި އޭރު ވެސް އަދީބަށް އިތުބާރު ނުކުރަން ޔާމީނަށް ދެންނެވި ކަމަށާއި އެދުވަހު ފިޔަވަޅު އެޅިނަމަ، އެ ޚިޔާނާތް ބޮޑުވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ދުވަހަކުން ޔާމީންގެ ބޮލަށް އަދީބު އަރާނެއޭ ދެންނެވިން،" ޔާމީނާ ދެކޮޅަށް ފުރަތަމަ ފަހަރަށް ކޯޓެއްގައި ހެކިބަސް ދެމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވިޔަފާރިވެރިން ގިނަ އަދަދެއްގެ ފައިސާ ދިން ކަމަށެވެ. އޭގެފަހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން 2014 ވަނަ އަހަރު އެމްޕީއެލްއިން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ފައިސާ ނެގި ހިސާބުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ފެށިގެން ދިޔައީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގަން ފެށީ ކެމްޕެއިނަށް ވިޔަފާރިވެރިން ދިން ފައިސާ އަނބުރާ ރައްދު ކުރުމަށެވެ. އެކަން އެނގެނީ އެމްޕީއެލްއިން އަދީބު ނެގި ފައިސާގެ ތެރެއިން އެއް ބައި އެއް ވިޔަފާރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަން އެނގުމުން 2014 ވަނަ އަހަރު ޔާމީނާ ބައްދަލުކޮށް، އެކަމުގެ މައުލޫމާތު ވާނީ އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.. އަދި ވިޔަފާރިވެރިން ދިން ފައިސާއާ އަދީބު ހަވާލުވާ ކަން އެނގޭ ކަމަށާއި އެކަމަކު އެމްޕީއެލްގެ ފައިސާ ނެގިކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އަހުމަދު އަދީބު އެމްޕީއެލްއިން ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ ނަންގަވައިފިއޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް 2015 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން އުމުރަށް ޖަލަށްލި ފަހުން ޔާމީނާއި ނާޒިމްގެ ދެމެދުގައި ގުޅުމެއް ނޯވެ އެވެ. އެކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ އެފަދަ ބޭ އިންސާފު ހުކުމެއް ކުރިކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން ކުރީ ޔާމީންގެ ރޭވުމަކުން ކަމަށް ވިދާޅެއް ނުވެ އެވެ.

އެ މައްސަލާގައި އަދިވެސް ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. ދެން އޮންނަ އަޑުއެހުމުގައި ވެސް އާ ހެއްކެއްގެ ހެކިބަސް ނަގާނެ އެވެ.