އައްޑޫ ސިޓީ ހިތަދޫއިން މިހާރު ފެނިގެން އުޅޭ ސީލް މޮނިޓާ ކުރުމަށް ވޮލިންޓިއަރުން ހޯދަން ފަށައިފި އެވެ.

އައްޑޫ ނޭޗާ ޕާކުން ބުނީ ސީލް މޮނިޓާ ކުރުމުގެ މަސައްކަތަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި ބޭނުންވަނީ 18 އަހަރު ފުރިފައިވާ މީހުން ކަމަށެވެ.

ނޭޗާ ޕާކުން ބުނީ ސީލް ހިތަދޫގައި އޮންނަހާ ހިނދަކު އެއަށް ވާނުވާ ބަލަން ވޮލަންޓިއަރުން ބޭނުންވާކަމަށެވެ. އެގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 7580059 މި ނަންބަރަށް ގުޅުމަށް ނޭޗާ ޕާކުން އެދިފައިވެ އެވެ.

އީޕީއޭއިން ބުނީ ސީލްގެ ހާލު ރަނގަޅު ކަމަށާއި އެއީ މީހަކަށް ގޯނާ ކުރާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ދެތިން ދުވަހަކު އުޅުމަށް ފަހުގައި އެ ސީލް ދާނެ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ސީލްއެއް އައިސްގެން ހަތަރު ފަހަރަކު ވަނީ ރިކޯޑް ކުރެވިފައި ކަމަށް އީޕީއޭއިން ބުނެ އެވެ. ބެލެވޭ ގޮތުގައި ސީލްއަށް ރާއްޖެ އާދެވުނީ މަގު އޮޅިގެނެވެ. ސީލްއަކީ އާންމުކޮށް ފިނި ހިސާބުގައި އުޅޭ ޖަނަވާރެކެވެ.