އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގި ހިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެގި ފައިސާގެ ބޮޑުބައެއް ހުރީ ސިންގަޕޫރުގެ ބޭންކެއްގެ "ޕޯސްޓް ބޮކްސް"އެއް ތެރޭގައި ކަމަށާއި އެ ހުޅުވަން އަދީބުގެ ލޮލުގެ ރެޓީނާ ސްކޭން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ތިން އަހަރެއްހާ ދުވަސްފަހުން ފަހު ރޭ ނޫސްވެރިންގެ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި އިރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނު އަރިހަށް ވަޑަައިގެން އެމްއެމްޕީއާރްސީގެ ފައިސާ ހުރި ތަން ކަމަށް އަދީބު ވިދާޅުވާ ވާހަކަތަކެއް ދެއްކެވި ކަމަށެވެ.

"ލުތުފީ ވިދާޅުވި ރައީސް އޭ އަދީބު އެބަ ބުނެއޭ މި ފައިސާގެ ބޮޑުބައި އެހުރީ ސިންގަޕޫރުގެ ބޭންކެއްގައި ޕޯސްޓް ބޮކްސް ތެރޭގައި ކަމަށް. އެކަމަކު އެ ހުޅުވޭނީ ތިމަންނަގެ ލޮލުގެ ރެޓިނަލް ސްކޭނެއް ކޮށްގެންނޭ. ތިމަންނަ ނެތީސް އެ ނުހުޅުވޭނެ. އެހެންވެ ތިމަންނަ ފިޒިކަލީ އެތަނަށް ގެންގޮސްދޭށޭ، ގެންދިޔައީމަ ދޭނަމޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފޮނުވާނުލި ސަބަބު ވެސް ވިދާޅުވެދެއްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އަދީބު ސިންގަޕޫރަށް ފޮނުވާލަން އެމަނިކުފާނު ބޭނުން ނުވީ ކަމަށާއި އެއީ ފޮނުވާލައިފި ނަމަ އަދީބާއި ފައިސާތައް ވެސް ދެން އަތު ނުޖެހޭތީ އެވެ.

އެހެންވެ ސިންގަޕޫރުގެ އޭސީސީ އާ ގުޅިގެން އެ ފައިސާ ހޯދަން މަސައްކަތް ކުރުމަށް ލުތުފީ އަށް އެންގެވި ކަމަށާއި ބޭނުންވެއްޖެ ނަމަ ކޯޓު އަމުރެއް ނެރެގެން ކޮށްގެން ވެސް އެ ފައިސާ ހޯދަން އެންގެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އަދީބު ނުފޮނުވީ އޭރު އަޅުގަނޑު ބޭނުން ނުވީ އަދީބު ފޮނުވާލަން. އަދީބު އެ ދެއްކީ ތެދުވާހަކައެއް ކަމަށް ލުތުފީ ގަބޫލު ކުރޭ. އެހެންވެއްޖެ ކަމަށް ވަންޏާ އޭގަ ހުރި ފައިސާއެއް އަދިއެއް ނުއެއް ނެގޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެން ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ލިބިއްޖެ ނަމަ އެމްއެމްޕީއާރްސީގެ ފައިސާ އިން ހިޔާނަތް ވި މީހުންނަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް އިސްކަން ދެއްވާނީ ގެއްލުނު ފައިސާ ހޯދަން ކަމަށާއި ސިންގަޕޫރުގައި ފައިސާ ހުރެއްޖެ ނަމަ އެ ފައިސާ ވެސް ހޯއްދަވާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ އަދީބު އަތުގައި އެމަނިކުފާނުގެ ހަތަރު މިލިއަން ޑޮލަރު އަދިވެސް ވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފައިސާއަކީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ވިޔަފާރިވެރިންގެ އަތުން ފައިސާ ލިބޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބައެއްގެ އަތުން ފައިސާ ލިބުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް ލިބުނު ފައިސާ އެކި މީހުންގެ އަތަށް ލިބޭތީ ފައިސާ ހަވާލު ކުރަން އަދީބު ހަމަ ޖެއްސި ކަމަށެވެ.

"އަދީބު އެކަމުގައި ހަމަޖައްސާފައި އަޅުގަނޑަށް ފައިސާ ދޭ ފަރާތްތަކުގެ ކައިރީގައި ވެސް ބުނިން އަދީބާއި ފައިސާ ހަވާލު ކުރަށޭ. އެއީ ފުދޭވަރެއްގެ ސަބަބަކަށް ވޭދޯ އަދީބު އަތުގައި އަޅުގަނޑު ފައިސާ ހުރުމަށް. އަދީބު އަތުގައި އެހެރީ އަޅުގަނޑު ފައިސާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ލިބުނު ފައިސާތަކަކީ އެއީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށާއި މީގެ ކުރިން މުލިއާގޭގައި ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ވެސް އަދީބު ހާޒިރުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކައިރީގައި ރައީސް ޔާމީންގެ ފަސް މިލިއަން ޑޮލަރު ހުރި ވާހަކަ އަދީބު ވިދާޅުވި ކަމަށެވެ.

"އެތައް މެމްބަރުންނެއް ވިދާޅުވާނެ. ހަމަ މުލިއާގޭގައި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި އަދީބު ވަޑައިގަންނަވާނެ. ވަޑައިގެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މެމްބަރުން ބޭނުންފުޅުވާ ކުދިކުދި ކަންކަން ކޮށްދޭން މިހާރު ތިމަންނަ އަތުގައި ފައިސާ އެބަހުއްޓޭ. މިވަގުތުން މިވަގުތަށް ތިމަންނަ އަތުގައި އެބަހުއްޓޭ ރައީސް ޔާމީނުގެ ފަސް މިލިއަން ޑޮލަރު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބު އަތުގައި އެމަނިކުފާނުގެ ފަސް މިލިއަން ޑޮލަރު ހުރެގެން އެ ފައިސާ ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ޗެކެއް ޖަމާކޮށްގެން ފައިސާ ލިބުނު ކަމަށެވެ. ފައިސާ ލިބުނުއިރު، ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ޗެކަކުންކަން އޭރު ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެސްއޯއެފްގެ ޗެކެއްކަން ވެސް އަޅުގަނޑަށް އެނގުނީ ތަހުގީގު ކުރި ހިސާބުން. އަޅުގަނޑެއް ނޫން ޗެކު ޖަމާކުރީ. އަދީބު ފޮނުވި މީހެއް ޖަމާކުރީ. އަޅުގަނޑު ފޮނުވައިގެނެއް ވެސް ނޫން ޖަމާކުރީ. އަޅުގަނޑުގެ އަތަށް ޗެކު ލިބުނުނަމަ އަޅުގަނޑަށް އެނގޭނީ މިއޮތީ އެސްއޯއެފްގެ ޗެކެއްކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އަދީބު އަތުން މިހާތަނަށް ލިބުނީ އެމަނިކުފާނުގެ އެއް މިލިއަން ޑޮލަރު ކަމާއި މިހާރު ވެސް އަދީބުގެ އަތުގައި އެމަނިކުފާނުގެ ހަތަރު މިލިއަން ޑޮލަރު ވެއްޖެ ކަމަށެވެ.