ރައްޔިތުންގެ އަތުގައި އޮންނަ ބާރު މަޖިލިސް މެންބަރުންނަށް ދޭން ނޭދޭ ކަމަށް ވިދާޅުވެ ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވައިފި އެވެ.

ނާޝިޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ އަތުގައި އޮތް ބާރު މަޖިލިސް މެންބަރުންގެ އަތަށް ނަގައި، މަސްހުނިވެ ގަޑުބަޑު ކުރާ ކުރުމަށް ރާއްޖެ ބަދަލުކުރަން އޭނާ ނޭދޭ ކަމަށެވެ.

ނާޝިޒްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިން ވެސް ވަނީ ބަރުލަމާނީއާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ.

އެ ނިޒާމާ އެއްކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ގެންދަވަނީ ކޮންމެ ރެއަކު އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

ރައީސް ސޯލިހު ވަނީ، ބަރުލަމާނީ ނިޒާމް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގެނައުމަށް ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ. އަދި ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑަށް ތާއިދުކުރެވެނީ މިހާރުވެސް މި އޮތްގޮތް އެއީ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރުން ހިންގުން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ނިޒާމާ ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެތެރެއިން ސަރުކާރު އެކުލަވާލާ ވާހަކަ މި ދެކެވެނީ. އަޅުގަނޑަކަށް ތާއިދެއް ނުކުރެވޭ ގާނޫނު ހަދާ މަޖިލީހާއި، ގާނޫނު ހެދުމުގެ ބާރު އޮތް ފަރާތާއި ހިންގުމުގެ ބާރު އެއްކޮށް މަސްހުނިކުރާކަށް. އޭގެ ސަބަބުން ޖަވާބުދާރީ ކުރުމާއި، ޒިންމާދާރު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ނުކުންނާނެކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ. އޭގެ ބަދަލުގައި ތިންބާރު ވަކި ކުރެވިފައި އޮތް މި ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާ، ޒިންމާދާރު ކުރުވާ، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގެން އޮތް ނިޒާމް އެއީ އަޅުގަނޑު ތާއިދުކުރާ ނިޒާމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.