ސިޔާސީ ހަމަޖެހުމާއި، ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަންވެސް ކޮށްފައިވާ ހިސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ ރަގަޅުވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެވޭނީވެސް ރިޔާސީ ނިޒާމަކުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން މިއަދު އެދިވަޑައިގަންނަވާފަ އެވެ.

އެހެންނަމަވެސް އެގަރާރު އަނބުރާ ނުގެންދާވާ ރައީސް ނަޝީދު އަންނަނީ އެމްޑީޕީ ޖަގަހާގައި ބަރުލަމާނީ ނިޒާމަށް ތާއިދު ހޯދުމަށްޓަކައި ބައްދަލުވުންތައް ބާއްވަމުންނެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފަށްޓަވައިގެން ކުރިއަށްގެންދިޔަނަމަވެސް އެކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.