ސްރީލަންކާގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި" ބާރު ދަށްވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނީ ލަންކާގެ ގަލްފް އޮފް މަންނާރު ސަރަހައްދުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ދުވެލި މަޑުވެ، މަޑުމަޑުން ބާރުދަށްވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހއ. ކެލާ އިން ފެށިގެން 642 ކިލޯމީޓަރު ދުރުގައިވާ ކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި މަޑުމަޑުން ހުޅަނގު ދެކުނަށް ޖެހި، އިންޑިއާގެ ރާމަނަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަހައްދު ހުރަސްކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ ބުރެވި ތޫފާންގެ ބާރު ދަށްވި ނަމަވެސް، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުން ކަމަށެވެ. އަދި އެ ކޮޅިގަނޑު ދަތުރުކުރަމުން ދަނީ ދެކުނު ހުޅަނގު ދެކުނަށް ރާއްޖެއާ ދުރަށް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާއި ދެމުދުގައި ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.