ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވީ ޒުވާނުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި ''ހަވާލޭ ވަޠަން'' ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާދަމާ ދިވެހި ގައުމު ހިންގަން ތިބި މީހުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ އަދުގެ ޒުވާނުން ކަމަށެވެ. އެކަމަކު ޒުވާނުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި އަދި މި ސަރުކާރުން ޒުވާނުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަކެތީގެ އަގުތައް އުފުލިފައިވާއިރު މި ގައުމުގައި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައި ވަނީ ޒުވާނުންނާ މެދުގައި ކަމަށެވެ. އެ އިހުމާލުގެ ސަބަބުން ޒުވާނުން ހަލާކުގެ ތެރެއަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް. ޒުވާނުން މަގުން ކައްސާ ނުލާނެ ގޮތަކަށް ކަންކަން ތަރުތީބުކުރާ ނަމަ އަނިޔާވެރި ކަމެއް ފެނިގެންނެއް ނުދާނެ. އަޅުގަނޑުމެންނަށް ފެނިގެނެ ދަނީ ޒުވަނުން ހަލާކުވެގެންދާ ތަން. އެހެންވީމަ އެންްމެ ބޮޑަށް މި ސަރުކާރުން އިހުމާލުވެފައި މި އޮތީ ޒުވާނުންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުން އާމްދަނީ ހޯދަނީ ޒުވާނުންގެ އަތުން ނަގާ ޖޫރިމަނާ ފައިސާ އިން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޕާކް ކުރާނެ ޖާގަ ނުދައްކާ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޖޫރިމަނާ ނުކުރާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޖޫރިމަނާކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ 100 މިލިއަނުން 200 މިލިއަނަށް މިސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ޕާކް ކުރާނެ ޖާގަ ސަރުކާރުން ދައްކާފައި ނެތް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޓިކެޓާ އެ މަނިކުފާނު ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް 4،000 ފްލެޓް ދިނުމަށް ވެސް ވައުދުވި ކަމަށެވެ. އެކަމަކު ސަރުކާރަށް މަލާމާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފުލެޓުތައް ފެނިވަޑައިނުގަންނަވަނީ ކަނޑުއަޑީގައި ހުރުމުން ކަމުގައި ވެދާނެ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުގައި ޒުވާނުންނަށް އިސްކަމެއް ދީގެން ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށާއި ފުދުންތެރި ޒުވާނުންތަކެއް އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއްލައްކަ ހަތަރުހާސް ވަޒީފާ ހާއްސަކޮށް ޒުވާނުންނަށް އުފެދިގެން ދިއުން ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން، ރޭގެ ޖަލްސާގައި ޔާމީން ވަނީ ވެރިކަން ހިންގުމާއި، ކޮރަޕްޝަނާއި، ދަރަނި އަދި އިގުތިސޯދާ ގުޅުވައި މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.