ރިސޯޓު މުވައްޒަފުން ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރައްދު ދީފި އެވެ.

އެމްޑީޕީ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅައި ރިސޯޓު ތަކުގައި އުޅޭ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ ކަމަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ ސާވިސް ޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ ކަމަށެވެ.

އަދި 700 ޑޮލަރު ގެއަށް ނުގެންދާ ރިސޯޓު މުވައްޒަފަކު ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެ، ރެސޯޓް ފަހަރުގައި މަސައްކަތްކުރާ މީހުނަށް އެމީހުންގެ ސާވިސްޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ. ހަތްސަތޭކަ ޑޮލަރު ގެއަށް ނުގެންދާ، އިރާދަކުރެއްވިއްޔާ އެންމެ ކުއްޖެއް ވެސް މިހާރު ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އިފްތިތާހުކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދަައްވަނީ. ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ޓީމް އިން ބުނި ހަގީގަތަކީ ރިސޯޓް މުވައްޒަފުންގެ 90 އިންސައްތަ މަސައްކަތްތެރިންނަށް ޑިއުޓީ ނިންމާފައި ރަށަށް ނުދެވޭއިރު، އޮފްވެސް ނަގަން މަޖުބޫރު ކުރުވަނީ ރިސޯޓްގައި ކަން ކަމަށެވެ.

ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމުން ރިސޯޓް މުވައްޒަފުންގެ އެތަށް ސަތޭކަ ވަޒީފާއަކަށް ބިދޭސީން ގެނެސް، އައުޓްސޯސްކޮށް މިނިމަމް ވޭޖް ނުދީ އަޅުންގެ ގޮތުގައި ގެންގުޅުން އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ޓީމް އިން ބުނެ އެވެ.

"ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމުން ރިސޯޓް މުަވައްޒަފުންގެ އެތަށް ސަތޭކަ ވަޒީފާއަކަށް ބިދޭސީން ގެނެސް، އައުޓްސޯސްކޮށް މިނިމަމް ވޭޖް ނުދީ އަޅުންގެ ގޮތުގައި. ގެންގުޅުން އިންތިހާއަށް އިތުރުވެއްޖެ. ސާވިސްޗާޖުން މަކަރުހެދުން ރިސޯޓް، ހޮޓާ، ސަފާރީ އަދި ގެސްޓް ހައުސްތަކުގައި އިތުރުވެ ޓެކްސްއަށް ވެސް މަކަރުހެދުން އިތުރުވެއްޖެ،" ޓީމް އިން ބުނެ އެވެ.

ހަގީގަތަކީ ރިސޯޓް މުވައްޒަފުންނަށް އަދި ޕްރައިވެޓް ސެކްޓާ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ހަ މަސް ދުވަސް ލިބެމުން ނުދާކަން ކަމާއި، 519 ޑޮލަރުން މަތީން މުސާރަ ލިބެމުންދިޔަ ފަރާތްތަކަށް މިނިމަމްވޭޖްގެ ކުރިއެރުން ނުލިބޭ ކަން ކަމަށްވެސް ޓީމް އިން ބުނެފައިވެ އެވެ.

"ދިހަ ބާރަ ގަޑި އިރު މަސައްކަތް ކުރުވާ އޯވަރޓައިމް ފައިސާވެސް ގިނަ ރިސޯޓް ތަކުގައި ދެމުން ނުދާކަން. މިހުރިހާކަމަކީ ސީދާ ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާކަންކަން ކަންފާހަގަ ކުރަން،" ޓީމް އިން ވަނީ ބުނެފަ އެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރޭގަނޑު ރަށަށް ދެވޭ ގޮތް ހަދަން ފާސްކޮށް ވަޒީފާއާ ބެހޭ ގާނޫނު ގެނައި އިސްލާހު 2020 ވަނަ އަހަރުތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގުކުރައްވާފަ އެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ރަށަށް ދެވޭ ގޮތް ހެދުމަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ.

މިމައްސަލައަށް ހައްލެ ނުލިބި އެތަކެއް ފަހަރު މުވައްޒަފުން ވަނީ ރިސޯޓްތަކުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.