ތިމަން މަނިކުފާނާ ދެކޮޅަށް ޕާޓީ ތެރެއިން ރައީސް ނަޝީދު ވިދާޅުވި އަދަދަށް މީހުން ނުނިކުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގައި ރައީސް ސާލިހު ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މިންވަރަށް ވޯޓު މަދުވެގެންދާނެކަމަށް ނުފެންނަކަމަށާއި އެހެން ނަމަވެސް ކޮންމެ ކެނޑިޑޭޓަކު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރި ނަމަވެސް ވޯޓު ނުދޭނެ މީހުން ތިބޭނެކަމަށް ވިދާޅުވިއެވެ.
“ކޮންމެ މީހަކާމެދުގައިވެސް ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ. ޕާޓީ އެތެރޭގައިވެސް. އެގޮތުން އަޅުގަނޑު ނިކުތަސް އަދި އެހެން ބޭފުޅަކު ނިކުތަސް ވޯޓު ނުދޭނެ ބަޔަކު ތިބެދާނެ އެކަމަކު އެކަމަކު އެ ވިދާޅުވާ އަދަދަކީ ޕާޓީގެ ކެންޑިޑޭޓާއި އިދިކޮޅަށް ޕާޓީގެ ތެރެއިން ނިކުންނާނެ އަދަދެއް ނޫން” ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ވޯޓް ދިނީ ޕީޕީއެމްއަށް ކަމަށާއި އެއީ އަދިވެސް އެމްޑީޕީގެ ސަރުކާރަކާއިއެކު މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށެވެ. ވޯޓް ލުމުގެ ހައްގު ލިބިފައިވާ 233000 މީހުންގެ ތެރެއިން ޕީޕީއެމްއަށް ލިބުނު 98000 އުނިކުރީމާ ބާކީ ތިބީ 135000 މީހުން ކަމަށާއި މިބާކީ ތިބި މީހުންގެ ތެރެއިން %12 އަކީ ޖުމްހޫރީ ޕާޓީން ނަގާނެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީއަށް ނެގެން އޮތީ 112000 ވޯޓް ކަމަށާއި ނަމަވެސް ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީ މެންބަރުންގެ ތެރެއިން %42 މެންބަރުން ރައީސް ސޯލިހަށް ތާއިދު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.