އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް އެޕާޓީގެ ރައީސް ހުށައެޅުއްވި ބަރުލަމާނީ ނިޒާމް ގަރާރުގެ ޚިޔާލުތަފާތުވުންތައް އެއްގޮތްކުރައްވާފައިވާކަން ހާމަކުރައްވާ ރައީސް ސޯލިހު ވަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީއާއި ގުޅޭގޮތުން ހުށަހަޅުއްވަން އުޅުއްވި ގަރާރު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވެ މަރުހަބާ ދަންނަވާފަ އެވެ.

"ތިހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ 19 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން މިތަނަށް އެއްވެ، މި ކޮންގްރެސް ފެށިއިރުގަ މިތަނުގެ މާހައުލު އޭރު އޮތްގޮތް. ޚިޔާލުތަފާތުވުންތައް ހުރި. އޭގެތެރެއިން އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތީ ރައީސް ނަޝީދު ހުށައަޅުއްވަން އެ ގަސްދުކުރެއްވި ޤަރާރާ ދޭތެރޭގަ. މިދިޔަ ދެ ދުވަހު ތެރޭގައި މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔައިރުވެސް މި ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގައި ހުރި. ނަމަވެސް މިއަދު ކޮންގްރެސް ނިމިގެން މިދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި ފުރިހަމަ "މެޗުއާ، ޕާޓީއެއްގެ ގޮތުގައި ޕާޓީ އޮވެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދާލައްވަނީ. ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ، ކޮންމެ މީހަކީ ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ މީހެއް ކަމަށާއި، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާއެކު އަދި ޤައުމާއެކު ކުރިއަށްދާން ތިބިކަން މި ކޮންގްރެސްއިން ހާމަވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް. މިތަނަށް ހާޒިރުވެ މިތިބި 1200އެއްހާ ކޮންގްރެސްމަނުން ވަރަށް އުފަލުން އަޅުގަނޑު ހިތުން މިތަނުން ނިކުމެގެން ދާނީ. މިތާ އެތެރޭގައި މެންދުރުވެގެން އައިއިރު އޮތް ހޫނުކަން ހަވީރުވެގެން އައިއިރު މިއޮތީ ފިނިކަމަކަށް ވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ޕާޓީކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެނޑިޑޭޓެއް ކަނޑައަޅާނެކަމަށް ވިދާޅުވެފަ އެވެ. އެކަން ކުރައްވާނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށްކަމަށާއި، އެ އުސޫލުގެ ތެރެއިން ޕާޓީން ކަނޑައަޅާ ކެނޑިޑޭޓު ގޮވައިގެން އެމްޑީޕީގެ އެންމެން އެކުގައި ނިކުންނަންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ނިންމާލުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ރައީސް ވަނީ އެމްޑީޕީގެ ވިސްނުން ދެން ބައްޓަންކުރަންވީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ވާދަވެރިން ބަލިކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ދެން ބަހައްޓަންވީ، އަމާޒުކުރަންވީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އަޅުގަނޑުމެންގެ ވާދަވެރިން ކުރިއަށް އޮތް އިންތިޚާބުން ބަލިކުރުމަށް އަޅުގަނޑުމެން އެއް ޢަޒުމެއްގައި ނިކުންނަންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. އަދި އެކަން ކުރުމަށް އަވަސްވެގަތުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ގޮވާލެއްވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ. ފޮޓޯ: އެމްޑީޕީ

"މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. 2023ގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑަކަށް ނުފެނޭ. މި ޕާޓީއަކީ އިންތިޒާމްވެގެން ރޭވިފައި އޮތް ޕާޓީއެއް. ގޮފިތައް އެބަހުރި. ރަށްރަށުގެ އޮފީސްތައް އެބަހުރި. އަދި މައި އޮފީސްވެސް އެބަހުރި. ބޭނުންވަނީ ހަރަކާތްތައް ފަށަން. މާދަމާ އަޅުގަނޑު އެދެނީ މިކަމައިގެން އަވަސްވެ ގަންނަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށިއިރު ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް ޕާޓީގެ ދެ ލީޑަރުން އެއްގޮތްކުރެއްވުމުން، ކޮންގްރެސްމަނުން ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. އަދި ކޮންގްރެސް ނިންމާލެއްވީ ދެ ރައީސުން ސްޓޭޖުމަތީގައި ސަލާމްކުރެއްވުމާއެކު އެވެ.