ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރައްވާ ހުންނެވުމަށްފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާލިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހަށް އިސްލާހުތަކެއް ހުށައަޅުއްވައިފި އެވެ.

ގާސިމް މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނު އަސާސީއަށް ހުށައަޅާ އިސްލާހެކެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވާނެ ކަމަށެވެ. އަދި އެއީ އިގްތިސާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް ކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅަން ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެން ކަމުން ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށް އިސްލާހުގައި ވަނީ ހުށައަޅުއްވާފަ އެވެ.

މީގެ އިތުރުން ލިވާތުގެ ކުށާއި ސިހާހުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ވެސް ގާސިމް ވަނީ ހުށައަޅާފަ އެވެ.

ގާސިމް އިބްރާހީމް މިފަދަ އިސްލާހުތަކެއް ހުށައެޅުއްވިއިރު ކޯވިޑްގެ އާލަމީ ވަބާގެ ތެރޭގައި އެމަނިކުފާނު އެއް އަހަރަށްވުރެ ގިނަ ދުވަހު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ މުސާރަ ނަންގަވަމުން ދިޔަކަން ފާހަގަ ކުރެވެ އެވެ. އަދި ގައުމުގައި ފާހިޝް އަމަލުތަކާއި މުންކަރާތްތައް އިތުރުވެ އިގްތިސާދު ފުނޑެމުންދާއިރު ކޯލިޝަންގެ ބައިވެރިއަކަށް ހުންނަވައިގެން މިފަދަ ކަންކަމުގައި ބަސް ވިދާޅުނުވާތީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.