ހުންގަދަވެގެން ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެއް އަހަރުގެ ކުއްޖަކަށް ފަރުވާ ދިނުމަށް ޑޮކްޓަރު އިންކާރު ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހޯރަފުށީ ހެލްތު ސެންޓަރުގެ ޑޮކްޓަރުގެ މައްސަލަ ފޭސްބުކްގައި ހިއްސާ ކުރި މީހަކު ބުނެފައި ވަނީ އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުންގަދަވެގެން ރޭގެ ވަގުތެއްގައި ސިއްހީ މަރުކަޒަށް ދިޔައިރު ކިއުގައި އިނީ އެކަކު ކަމަށާއި އޭނާ ޑޮކްޓަރަށް ދައްކައި ނުކުތުމުން ޑޮކްޓަރު ރޫމްގައި އިން މީހާ ނުކުމެފައި ޑޮކްޓަރު ރެސްޓް ކުރަނީ ކަމަށް ބުނި ކަމަށެވެ.

އޭނާ ބުނީ ދަރިފުޅުގެ ހުންގަދަވެފައިވާކަމަށް ބުނެ ޑޮކްޓަރަށް ގޮވާލަން ވަތް އިރު ޑޮކްޓަރު އޮތީ މޭޒު މަތީ ބޯ އަޅައިލައިގެން ކަމަށާއި ގޮވާލުމުން ވެސް ރެސްޓް ކުރަނީ ކަމަށް ބުނި ކަމަށެވެ.

"ދެފަހަރު ޑޮކްޓަރަށް ގޮވާލުމުން ވުސް ބުނީ ރެސްޓްކުރަނީ ކަމަށް، ދެން ބުނީ ތިމަންނައަށް ތި ގޮވަނީ ކީކުރަންހޭ" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި ނަރުހުންގެ ރަނގަޅުކަމުން ފަރުވާދެވެން ފެށުނުއިރު ތިން ގަޑިއިރު ވެއްޖެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ރަޝީދު ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ އެ ކުއްޖާއަށް ފަރުވާދޭން އިންކާރު ކުރިކަން އޭނާއަށް ރިޕޯޓު ކުރުމާ އެކު އެ ޑޮކްޓަރަށް ގުޅާފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރު ފަރުވާ ދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ރޭގެ ވަގުތެއްގައި ހއ. އަތޮޅު ހޮސްޕިޓަލަށް ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭނާގެ މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ހުށަހެޅިފައިވާކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.