ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަންނަ 2023 ވަނަ އަހަރަށް ނިމޭނެ ހައުސިން ޔުނިޓުތަކުގެ އަދަދު ދަންނަވަން ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ޔައުގޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަންނަ އަހަރު ނިމޭނެ ފްލެޓުތަކާއި ހައުސިން ޔުނިޓުގެ އަދަދު ދަންނަވަން ނޭނގޭ ކަމަށެވެ. ޔައުގޫބް ކުރެއްވި ސުވާލަކީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަޅަމުން އަންނަ ފްލެޓުތަކަށް އަންނަ އަހަރުގެ ކިހާ ހިސާބެއްގައި ވަދެވޭނެތޯ އެވެ.

އަސްލަމް ވިދާޅުވީ އެކި މަޝްރޫއުތަކުގެ ސްޕީޑު ހުރީ އެކި މިންވަރުގައި ކަމުން އަންނަ އަހަރު މީހުންނަށް ވަދެވޭވަރު ވާނީ ކިހާ ފްލެޓަކަށް ކަން ނޭނގޭ ކަމަށެވެ. އަދި ބާރަށް މަސައްކަތްދާ ބައެއް ތަންތަން އެބަހުރި ކަމަށާއި އަދި ބައެއް ޔުނިޓްތައް ތަންކޮޅެއް ލޯ ކޮށްވެސް އެބަހުރި ކަމަށެވެ.

"އެހެންވީމަ ސީދާ މިހާ އަދަދަކަށް މީހުންނަށް ވަދެވޭނޭ ދަންނަވާކަށެއް އަޅުގަނޑަކަށް ނޭނގެ،" އަސްލަމް ވިދާޅުވި އެވެ.

މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ބޯހިޔާވަހިކަމުގެ ޝަކުވާ އިންތިހާއަށް އޮތް އިރު، މިމައްސަލަ ހައްލު ކުރުމަށް މި ސަރުކާރަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ބޯހިޔާވަހި ކަމުގެ ވައުދު ނުފުއްދާ މުޅިން ވެސް ދައްކަނީ "ކުރީ ސަރުކާރު" ބަހަނާ ކަމަށް ވެސް ގިނަ ރައްޔިތުން ބުނެ އެވެ.