ވޮޝިންޓަން (24 އޮގަސްޓް) - ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން ހަނގުރާމަ އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވޭތީ ޔޫކްރެއިންގައި ތިބި އެމެރިކާގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެ ގައުމުން ފައިބަން އެމެރިކާގެ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

އެމެރިކާއިން ބުނެފައިވަނީ ޔޫކްރެއިންގެ އުމްރާނީ ތަރައްގީ ފުނޑުފުނޑު ކޮށްލުމަށާއި ސަރުކާރުގެ ބާރު ކަނޑުވާލަން ރަޝިއާގެ ރޭވުމެއް ރާވަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.

ސޮވިއެޓް ޔޫނިއަން ދޫކޮށް މިނިވަން ދައުލަތެއް އިއުލާން ކުރިތާ 31 އަހަރު ފުރުން ފާހަގަކުރާ ޔޫކްރެއިންގެ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރްު އިއްތިފާގުން މިއަދަކީ އެގައުމުގައި ހިނގާ ހަނގުރާމަ ފެށުނުތާ ވެސް ހަމަސް ފުރޭ ދުވަހެވެ.

"އެންމެ ރައްކާތެރި ގޮތަކުން ވީހާ ވެސް އަވަހަށް ޔޫކްރެއިން ދޫކޮށް ދިއުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވާލަން،" ޔޫކްރެއިންގައި ހުންނަ އެމެރިކާގެ އެމްބަސީގެ ވެބްސައިޓްގައިވެ އެވެ.

އެމެރިކާއިން މިބީދައިން އިންޒާރު ދީފައި މިވަނީ މިނިވަން ދުވަހާ ދިމާކޮށް ރަޝިއާގެ ހަމަލާތައް ވަރުގަދަކޮށްފާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ވިދާޅުވެފައިވަނިކޮށެވެ.

"މިސައިލް ހަމަލާތަކާއި އެނޫން ވެސް ހުތުރު ހަނގުރާމައިގެ ޖަރީމާތައް ރަޝިއާއިން ހިންގާނެ ކަމަށް ބެލެވޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

މި އިންޒާރުތަކާ ގުޅިގެން މި ދުވަސްވަރު ޔޫކްރެއިންގެ އާއްމު ތަންތަނުގައި އެއްވެ އުޅުން އެގައުމުގެ އަސްކަރިއްޔާއިން ވަނީ މަނާ ކޮށްފަ އެވެ. -- ސީއެންއެން