ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެކްޓަރު އައްލޫ އަރްޖުން އަށް ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނީ 40 އަހަރުގެ އެކްޓަރު އައްލޫ މިވަގުތުވެސް ހުރީ ހޮލީވުޑް ފިލްމުގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ނިއު ޔޯކްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައްލޫ އަށް ހުށަހަޅާފައި ވަނީ ވަރުގަދަ ޕްރޮޑަކްޝަން ހައުސްއެއްގެ ސުޕަހީރޯ ފިލްމެކެވެ. އަދި މީގެ ޑައިރެކްޓަރަކީ ވެސް ހޮލީވުޑްގެ ވަރަށް މަޝްހޫރު ޑައިރެކްޓަރެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން އައްލޫ އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

އައްލޫ މި ވަގުތު އެމެރިކާގައި ހުރި އިރު، "ޕުޝްޕާ: ދަ ރައިޒް" ގެ ސީކްއެލް "ޕުޝްޕާ: ދަ ރޫލް" މި މަހުގެ 22 ގައި ވަނީ ރަސްމީކޮށް ލޯންޗްކޮށްފަ އެވެ. އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑް ބޮޑު ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ އައްލޫގެ ވިދުން "ޕުޝްޕާ" އިން އިތުރަށް ގަދަކޮށް ދީފައިވާ އިރު، އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭނަ ފިލްމު ކުޅޭ އަގު ވެސް ބޮޑުކޮށްފައިވެ އެވެ.

https://www.instagram.com/p/CgYf2Q2rn13/?hl=en

ތެލުގޫ ތަރި، އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެންނަ އެ ފިލްމަށް މުޅި ދުނިޔެއިން ވެސް ތަރުހީބު ލިބިގެން ދިޔަ އެވެ. އަދި ފިލްމުގެ ޑައިލޮގްތަކާއި އެ ފިލްމުގެ ނެށުންތައް އެކި ގައުމުތަކުގައި ވައިގައިހިފާފަ އެވެ.

ސުކުމާރު، ލިޔެ، ޑައިރެކްޓްކޮށް ނެރުނު ޕުޝްޕާއަކީ މީތްރީ މޫވީ މޭކާސް އިން ޕްރޮޑިއުސްކޮށް މިދިޔަ ޑިސެމްބަރު 17 ގައި ނެރުނު ފިލްމެކެވެ. ސިނަމާތަކުގައި ވެސް އެޅުވި އެ ފިލްމު، އެމެޒޮނުން ހިންދީ ބަހުންނާއި ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް އާއި ކަންނަޑާ ބަހުން ވެސް ބެލޭނެ އެވެ.