މަޖައްލާއަކަށް ނެގި ބަރަހަނާ ފޮޓޯތައް މައްސަލައަކަށް ވެދާނެ ކަމަށް ހީނުކުރާ ކަމަށާއި މުޖުތަމައުގެ އާންމު މަސްލަހަތާ ފުށޫއަރާ އެއްވެސް ފޮޓޯއެއް އާންމުކޮށްފައިނުވާނެ ކަމަށް މަޝްހޫރު އެކްޓަރު ރަންވީރު ސިންގު ބުނެފި އެވެ.

ރަންވީރު މުމްބާއީ ފުލުހުންނަށް ހާޒިރު ކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ ބަރަހަނާ ފޮޓޯތައް އާންމުކުރި ކަމަށް ބުނެ ޗެމްބޫރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ. އެންމެ ފުރަތަމަ މިމަހުގެ 22 ވަނަ ދުވަހު ހާޒިރުވާ އެންގި ނަމަވެސް ރަންވީރުގެ އެދުމުގެ މަތިން ބަޔާން ނެގުން ފަސްކޮށްދިނެވެ.

އެންމެ ފަހުން ރަންވީރު ވަނީ އަމިއްލަ ފަރާތަކުން އޭނައާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބަޔާން ދީފަ އެވެ. ރަންވީރު ދިން ބަޔާނުގައި ބުނެފައިވަނީ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ފަދަ ފޮޓޯއެއް އާންމުކޮށްފައިނުވާނެ ކަމަށެވެ. އަދި އެފޮޓޯތަކުގެ ސަބަބުން އެހާ މައްސަލަ ބޮޑުވެދާނެ ކަމަށް ހީނުކުރާ ކަމަށްވެސް ރަންވީރު ބުންޏެވެ.

ބައިނަލްއަގުވާމީ މެގަޒިނެއް ކަމަށްވާ 'ޕޭޕާ' އަށް ރަންވީރު ނެގި ބަރަހަނާ ފޮޓޯތަކުގެ މައްސަލަ މުމްބާއީގެ ޗެމްބޫރް ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން ފޯ ވިމެންއިންނެވެ. އެތަނުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ބަރަހަނާ ފޮޓޯތައް އާންމުކުރީ އަންހެނުންގެ އިހުސާސްތަކާ ކުޅެ، ފުރައްސާރަކުރަން ކަމަށް ބުނެ އެވެ. އެހެންވެ އެ މައްސަލާގައި ރަންވީރަށް ދައުވާކުރަން ވެސް ކުރަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ފަންނާނުން ވަނީ ރަންވީރުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ފޮޓޯ ޝޫޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ތަރިން ބުނެފައިވެ އެވެ.