ބޮލީވުޑް އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯ ޖެހި މަޖައްލާގެ ހުރިހާ ކޮޕީއެއް ހިފެހެއްޓުމަށް ކޯޓުގައި އެދެފި އެވެ.

ރަންވީރުގެ ބަރަހަނާ ފޮޓޯ ޖަހައިގެން ނެރެފައިވާ މަޖައްލާގެ އެއަދަދުގެ ޕްރިންޓްކޮށްފައިވާ ހުރިހާ ކޮޕީއެއް ހިފެހެއްޓުމަށް ކޯޓުގައި އެދިފައިވަނީ ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން (ޕީއައިއެލް) އެވެ. ޕީއައިއެލްއިން ވަނީ މިމައްސަލަ މިމަޖައްލާގެ ކޮޕީތައް ހިފެހެއްޓުމަށް ކަލްކަތާ ހައި ކޯޓަށް ހުށަހަޅާފަ އެވެ.

ޕީއައިއެލްއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މިފޮޓޯތައް އެމަޖައްލާގެ ކަވާ ޕޭޖުގައި ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ގެއްލުންތަކާއި ކުރިމަތިވެގެންދާނެ ކަމަށެވެ. އެގޮތުން ކުޑަ ކުދިނަށް މިފޮޓޯތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް ޕީއައިއެލްއިން ބުންޏެވެ.

ޕީއައިއެލްއިން ކޯޓުގައި އެދިފައިވަނީ ބެންގާލު ސަރުކާރުގެ މައްޗަށް މިމަޖައްލާގެ ހުރިހާ ކޮޕީއެއް ހިފެހެއްޓުމަށް އަމުރެއް ނެރެދިނުމަށެވެ.

މީގެ ކުރިން މިމައްސަލަ ވަނީ ޖަމިއްޔާއަކާއި އާންމު ފަރުދަކު ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ. ރަންވީރުގެ މައްސަލަ ރިޕޯޓް ކުރުމުން އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.

https://www.instagram.com/p/CglaHAfBJnp/?hl=en

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހުށަހެޅި މައްސަލައިގައި ބުނީ، ރަންވީރުގެ އެ ފޮޓޯތަކަކީ އަންހެނުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށާއި އެ ފޮޓޯތަކުގެ ސަބަބުން އަންހެނުންނާ މެދު މީހުން ދެކޭ ގޮތަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ "ސާކަސް" އެވެ. ޖެކްލީން ފެނާންޑެސް އާއި ޕޫޖާ ހެޖާ އެކު ރަންވީރު މަސައްކަތްކުރާ އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ޑިސެމްބަރުގަ އެވެ.

އަދި މީގެ އިތުރުން ކަރަން ޖޯހަރުގެ "ރޯކީ އައު ރާނީ ކީ ޕްރޭމް ކަހާނީ" އަންނަނީ ކުރަމުންނެވެ.