އިންސާފު ލިބުން ލަސްވަމުންދާ މައްސަލަތަކަށް އިންސާފު ހޯދުން އަވަސްކުރުމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ޝަރީފް ހުށައެޅުއްވި މައްސަލައިގައި ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވާ ކަމަށާއި އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ނުޙައްގު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ ޙައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި ނުހަނު އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުޙައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިޟްވާން ޢަބްދުﷲގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށާއި އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށާއި އެކަމުގެ ސަބަބުން އެތައް އާއިލާތަކެއް މާޔޫސްވެ، އުއްމީދު ގެއްލި، އަދި އެ ޢާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.

އަދުލުއިންސާފު ގާއިމުކުރުމަކީ މާތްވެގެންވާ އިސްލާމް ދީނާއި ގާނޫނުއަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި، އަދުލުއިންސާފު ގާއިމުކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ދީމިގްރާތީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ވިދާޅުވާ ކަމަށެވެ.

އެހެން ކަމުން އިންޞާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންޞާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި މައްސަލަ ހުށައަޅާ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ އެންމެ ފަހުގެ އަޑުއެހުން ހައިކޯޓުގައި ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް ހުކުމެއް ނުއިއްވާ ދެމަސް ދުވަސް ފާއިތުވެގެން ދިއުމަކީ އަނިޔާއެއް ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ސްޕީޑު ލަސްކަމަށާއި އަދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.