މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން މާލޭ ސަރަހައްދުއްވާ ބަހަކުން ޖެހި ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި 149،499 ދައްކަން މިދިޔަ ހޯމަ ދުވަހު އަންގައިފި އެވެ.

މެއި 9، 2019 ގައި ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައިދިޔަ އެމްޓީސީސީގެ ބަހަކާއި ޓެކްސީގެ ގޮތުގައި ދުއްވާ ކާރެއް ޖެހި އެކްސިޑެންޓްވި މައްސަލާގައި ކާރުގެ ވެރިފަރާތް، މަރިޔަމް މަނިކެ، ހުޅުމާލެ ފްލެޓް ނަމްބަރު 03- 1-5 އެމްޓީސީސީގެ މައްޗަށް ދައުވާ ކުރީ ކާރަށް ލިބުނު ގެއްލުމާއި ކާރަކީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ކާރެއްކަމުން އެކްސިޑެންޓްގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ކާރު ހަލާކުވެފައިވާތީ ކާރު މަރާމާތުކުރުމަށް ހަރަދުވާ 149،499.90ރ. އާއި ކާރުން ލިބެމުންދިޔަ އާމްދަނީ ހުއްޓުމުން 9 މެއި 2019 އިން ފެށިގެން ކާރު މަރާމާތުކުރުމަށް ހޭދަވާ ކޮންމެ ދުވަހަކަށް 500ރ. ގެ މަގުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ ހުކުމުގައި ވަނީ ގެއްލުމުގެ ބަދަލާމެދު ދައުވާ ލިބޭ ފަރާތުން ބަޔާންކޮށްފައި ވަނީ ދައުވާ ކުރާ ފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތް ކަމަށާއި ކާރު މަރާމާތުނުކޮށް ގިނަދުވަސްކޮށް އެ ފައިސާ ހޯދުމަށް އެދޭ ގާނޫނީ ސަބަބެއް ސާފު ނުވާ ކަމަށެވެ. އަދި ކާރު މަރާމާތުކޮށް އަވަހަށް ނިންމައި، އޭގެ ބޭނުން ނުކުރި ސަބަބަކީ ބަދަލު ހޯދުންކަމުގައިވާ ނަމަ، އެކަމަކީ އަންޖަސްޓް އެންރިޗްމެންޓެއް ހޯދުންކަމަށާއި އަދި ހޯދުމަށް އެދޭ 500ރ. އަކީ ކިހިނެއް ގެނައި އަދަދެއްކަން އެންގެން ނެތް ކަމަށް ވެސް އެމްޓީސީސީގެ ފަރާތުން ބުނެފައިވެ އެވެ.

ސިވިލް ކޯޓުން ފާހަގަކޮށްފައި ވަނީ ދައުވާ ކުރާ ފާރާތުން ހޯދަން އެދޭ 500ރ. އަކީ ޓެކްސީ ކުއްޔަށްދީގެ ދުވާލަކަށް ލިބެމުންދިޔަ އަމްދަނީގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެއް ކަމަށް ދައުވާ ކުރާ ފަރާތުން ބުނެފައިވާއިރު އެކަން ސާބިތުކުރުމަށް ޝަފަހީ ހެކީން ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ކާރު މަރާމާތުކޮށް މަސައްކަތްކުރެވޭ ހާލަތަށް ގެނެސް ގެއްލުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ކާރު މަރާމާތުކުރަން ދިޔަ ފައިސާ ދައުވާ ލިބޭ ފަރާތުން ދެއްކުމުންކަމުގައި ބެލެވޭނެ ގޮތެއް ހުށަހެޅިފައި ނެތް ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން ދައުވާ ކުރާ ފަރާތުން 500ރ. ގެ މަގުން ހޯދުމަށް އެދޭ ގެއްލުމުގެ ފައިސާ ނަގައިދޭނެ ތަނެއް ނެތް ކަމަށް ކޯޓުން ބުނެފައިވެނއެވެ.

ގާޒީ އަހުމަދު އަބްދުލްމަތީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ ދައުވާ ކުރާ ފަރާތުގެ ކާރު މަރާމާތު ކުރުމަށް ހޭދަވާނެ ކަމަށް ހުށަހަޅާފައިވާ 186،999.90ރ. ގެ ތެރެއިން އިންޝުއަރެންސްގެ ގޮތުގައި ލިބިފައިވާ 37،500ރ. އުނިކުރުމުން ބާކީވާ 149،499.90ރ. އަކީ އެމްޓީސީސީން އެ ފަރާތަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް އެ ކޯޓުން ވަނީ އެމްޓީސީސީއަށް އަންގާފަ އެވެ.