ކާބުލް (06 ސެޕްޓެމްބަރު) އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީ ކައިރީގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ޒިންމާ އައިސިސްއިން ނަގައިފި އެވެ.
އެ ޖަމާއަތުގެ ޓެލެގްރާމް އެކައުންޓްތައް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިއާ އެމްބަސީގެ މުވައްޒަފުން ބައިވެރިވި އެއްވުމެއްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު އޭނާ ލައިގެން ހުރި ވެސްޓުގައި ހަރުކޮށްފައި ހުރި ބޮމެއް އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި މިހާތަނަށް ދެ މީހުން މަރުވެ 11 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ. މަރުވެފައިވަނީ އެމްބަސީގެ ދެ މުވައްޒަފުންނެވެ.
އަފްޣާނިސްތާނުގެ ގަޑިން އިއްޔެ ހެނދުނު 10:05 ހާއިރު ރަޝިއާ އެމްބަސީއަށް ވަންނަން ހަނގުރާމަވެރިޔާ މަސައްކަތްކުރި ނަމަވެސް އޭގެ ކުރިން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ތާލިބާން އޮފިޝަލުން ވަނީ އޭނާ ފާހަގަކޮށް މަރާލައިފަ އެވެ.
މިކަމާ ގުޅިގެން ރަޝިއާއިން ބުނީ އަފްޣާނިސްތާނުގައި ހުންނަ އެ ގައުމުގެ ކޮންސިއުލާ ސެކްޝަންއަށް ދިން ހަމަލާއެއްގައި އެ ކޮންސިއުލޭޓްގެ ދެ މުވައްޒަފުން މަރުވެފައިވާ ކަމަށެވެ.
"މި ހަމަލާގެ ސަބަބުން ކޮންސިއުލޭޓްގެ ދެ މުވައްޒަފުން މަރުވެ އަފްޣާނިސްތާނުގެ އާއްމުން ހިމެނޭހެން ގިނަ ބަޔަކަށް އަނިޔާ ތަކެއް ލިބިފައިވޭ،" އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރަޝިއާއަކީ އަފްޣާނިސްތާނުގައި މި ވަގުތު އެމްބަސީ ހިންގަމުން އަންނަ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. -- އަލް އަރަބިއްޔާ