ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުން އަދިވެސް އެއްބަސްވުމުގައި ސޮއި ނުކުރާތީ އެފަރާތްތަކަށް އެންމެ ފަހު ފުރުސަތު ދީފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއް ގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6،720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށްގިނަ ދުވަސްތަކެއް ދެވިފައިވާ ކަމަށެވެ. އެގޮތުން ތަފާތު އެކިފަހަރު މަތިން މުއްދަތު ދިނުމުން ވެސް 40 މީހަކު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ ތަޅުދަނޑި ހަވާލުކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން މިހާތަނަށް އެޗްޑީސީއާއެކު ފުލެޓް އެގްރީމަންޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ގޮސް ސޮއިކުރުމުގެ ކަންކަން ނިންމުމަށް ހައުސިން މިނިސްޓްރީން ވަނީ އެންމެ ފަހު ފުރުސަތު ދީފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ސޮއިނުކޮށްފިނަމަ ފްލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލުވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެޗްޑީސީ އިން އެއްބަސްވުމުގައި ސޮއިކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އެގޮތުން އިންސްޓޯލްމަންޓުގެ ގޮތުގައި މެނޭޖްމަންޓް ފީއާއެކު މަހަކު 8،500 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.