ނައިބު ރައީސް ފައިސަލް ނަސީމް ސިންގަޕޫރުގެ މިނިސްޓަ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް، މަސަގޮސް ޒުލްކިފްލީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ނައިބު ރައީސް މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދާވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެ ގައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެގައުމަށް ފައިދާ ހުރި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި، ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިފާޢީ، އިޖުތިމާއީ، އިގުތިސާދީ ތަރައްގީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިންނާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް އެމނިކުފާނު ވަނީ ތަޢުލީމީ ދާއިރާ އާއި، އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި މި ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އަދި ސިންގަޕޫރުގެ މިނިސްޓަ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ދެބޭފުޅުންވެސް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުންފަދަ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފަ އެވެ. އަދި، ރާއްޖެއާއި ސިންގަޕޫރާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާކަމުގައި ވެސް ދެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.