ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުން ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ ފަތުވާ ކޮމިޓީއަށް އާ މެންބަރުން އައްޔަން ކުރުން ލަސްވަނީ، އެ ކޮމިޓީގެ ޒިންމާތައް ފިގުހު އެކަޑަމީ އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީއަށް މެންބަރުން އައްޔަން ކުރުން ލަސްވާތީ ނޫސްވެރިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ފަތުވާ ކޮމިޓީން ކުރަމުން އައި މަސައްކަތްތައް ފިގުހު އެކަޑަމީއާ ހަވާލުކުރުމަށް ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ އަޅުގަނޑުމެން ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާނެ ފިގުހު އެކަޑަމީއެއްގެ ވާހަކަ، ފިގުހު އެކަޑަމީ އެކުލަވާލުމަށް ޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިއުވާން ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެނެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ އެކަޑަމީގެ މަސައްކަތްތައް ފަށާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް ފަތުވާ މަޖިލިސް އެންމެ ފުރަތަމަ އެކުލަވާލީ އޭޕްރިލް 25، 2016 ގަ އެވެ.