އިސްލާމީ އަދި އިޖުތިމާއީ އުސޫލުތަކާ ހިލާފުވާ ހުރިހާ ކޮންޓެންޓް ދައްކާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށްބުނެ ނެޓްފްލިކްސްއަށް ގަލްފް ގައުމުތަކުން އިންޒާރު ދީފި އެވެ.
ސައުދީ އިސްވެ އޮވެ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ކޮމިޓީއަކުން ބަޔާން ނެރެފައި މިވަނީ މި ސަރަހައްދުގެ ސްޓްރީމިން ކޮންޓެންޓް ފޯރުކޮށްދޭ ކުންފުނި "އެއްޖިންސުން ގުޅުން ހިންގުން" ޕްރޮމޯޓް ކުރާ ކަމަށް ތުހުމަތުކޮށް ލޯކަލް މީޑިއާތަކުގައި ކުރިއަށް ގެންދިޔަ ކެމްޕޭނަކަށް ފަހު އެވެ.
މައްސަލަ ހުރި ޝޯތަކަކީ ކޮބައިކަން ބަޔާންކޮށްފައި ނުވި ނަމަވެސް އެއީ ގަލްފް ގައުމުތަކުގެ އިސްލާމްދީނާއި ގާނޫނާ ހިލާފު ޝޯތަކެއް ކަމަށާއި، އެ ޝޯތަކުގައި ކުޑަކުދިންނަށް ހާއްސަ ކޮންޓެންޓް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ޑިރެކްޓިވްތަކަށް ޕްލެޓްފޯމް އަމަލުކުރަމުންދާތޯ ކަމާބެހޭ ފަރާތްތަކުން މޮނިޓާ ކުރާނެ. އަދި ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ބަޔާނުގައިވެ އެވެ.
ގަލްފް ގައުމުތަކުން ނެޓްފްލިކްސްއާ ދެކޮޅަށް އަޅާނެ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައިކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާ ކުންފުނިތަކާއި ޖިންސީ ގުޅުން ހިންގާ ކޮންޓެންޓްތަކަށް ވަދެވޭނެ ގޮތް ސަރުކާރުތަކުން މިހާރު ވެސް ހުރަސްއަޅަ އެވެ. އެކަމާ ގުޅޭ ގޮތުން ނެޓްފްލިކްސްއިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރެއިން ސައުދީގައި ދެއްކުން މަނާކުރި ފިލްމުތަކުގެ ތެރޭގައި އޭޕްރީލް މަހު ޑިޒްނީން ނެރެނު "ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" އާއި އެނިމޭޓުކޮށްފައިވާ "ލައިޓްއިއާ" ވެސް ހިމެނެ އެވެ.
ސައުދީ ސަރުކާރުން މިދިޔަ މަހު ވަނީ ޔޫޓިއުބުން އިސްލާމީ އުސޫލުތަކާ ހިލާފު އިޝްތިހާރު ދައްކަމުންދާ ކަމަށް ވެސް ބުނެފަ އެވެ.