ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ތާވަލްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތަކަށެވެ. ނަމަވެސް ޝަރީއަތް ބާއްވާ ވަކި ގަޑިއެއް އެކޯޓުން އަދި ހާމަކޮށްފައިނުވެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކުރި ނަމަވެސް، އެމަނިކުފާނުގެ ބަލި ހާލަތު ހުރިގޮތުން މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. ޝަރީއަތް ކެންސަލްވުމުން ދައުލަތުން ވަނީ ހަފުތާ ބަންދުގައި ޝަރީއަތް ބާއްވައިދިނުމަށް އެދިފަ އެވެ.

އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.

މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ހެކިބަސް ދެއްވާފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވެ އެވެ.