އެމެރިކާއިން ހަނދަށް ދިއަ ހެއްޔެވެ؟ މިއީ ހަގީގަތުގައި ކުރަންވާނެ ސުވާލެއް ވެސް ނޫނެވެ. ދުނިޔޭގެ ތާރީޚުގައި އެ ވާހަކަ ވަނީ ރަން އަކުރުން ލިޔެވިފަ އެވެ. ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުން އެވާހަކަ ވަނީ ޖާގަ ހޯދާފަ އެވެ. އެކަމަކު ވެސް އެމެރިކާއިން ހަނދަށް ދިއަކަމަށް ބުނާ ވާހަކަ ގަބޫލުނުކުރާ ބަޔަކު އުޅޭކަމީ ވެސް އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ދިހަ ޕަސެންޓް މީހުން އިންސާނުން ހަނދަށް ދިއަ ކަމަށް ގަބޫލެއް ނުކުރެ އެވެ. އެ ގައުމުގެ ޒުވާން ޖީލުގެ މި ޕަސެންޓޭޖް އުޅެނީ 70 ޕަސެންޓަށް ވުރެ ވެސް މަތީގަ އެވެ. މިގޮތަށް ގަބޫލުކުރާ މީހުން އެ މީހުންގެ ގަބޫލުކުރުންތަކަށް ބާރު ދިނުމުގެ ގޮތުން ތަފާތު ހެކިތައް ދައްކަ އެވެ. އެގޮތުން ހަނދުގައި ޖެހި ދިދައިގައި ހިޔަންޏެއް ހުންނަ ވާހަކައާއި ގްރެވިޓީ އާ ނުލައި ދިދަ ތިރިއަށް އެލިފައި ހުރުން ފަދަ ކަންތައް ފާހަގަކޮށް ހުއްޖަތް ދައްކަ އެވެ. މި ވާހަކަތަކަށް ފަހަކަށް އައިސް އިތުރުވެގެން އުޅޭ ސުވާލަކީ އިންސާނުން ހަނދަށް ދިއަދިއުން އެއީ ހަގީގަތުގައި ވެސް ހިނގި ކަމެއްކަމުގައި ވާނަމަ އޭގެ ފަހުން ހަނދަށް ދިއުން އެހާ އުނދަގޫވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެމެރިކާއިން ހަނދަށް މީހުންނާއެކު ކުރަން ރާވައިފައިވާ ދަތުރަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ މަހު ކުރަން ހަމަޖެހިފައި އޮތް ދަތުރެއް ވަނީ ދެ ފަހަރު މަތިން ނައްޓާލަން އުޅެ މައްސަލަ ޖެހިގެން ފަސްކޮށްފަ އެވެ. މިއީ ވެސް ހަނދަށް އިންސާނުން ދިއަކަމަށް ގަބޫލުނުކުރާ މީހުންނަށް އިނގިލި ދިއްކޮށްލަން ލިބުނު އިތުރު ހާދިސާއެކެވެ.
އެމެރިކާއިން ހަނދަށް މީހުން ފޮނުވުން
ޖޯން އެފް ކެނެޑީ އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ސޯވިއެޓު ޔުނިއަން އާ އެމެރިކާގެ ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފަ އެވެ. ގިނަ ދާއިރާތަކުގައި އެމެރިކާއަށްވުރެ ސޯވިއެޓް ޔޫނިއަން އުޅެނީ ކުރީގަ އެވެ. ނިއުކުލިއާ ހަތިޔާރާއި ޖައްވީ ދިރާސާތަކުގައި ވެސް އެމެރިކާ އުޅެނީ ސޯވިއެޓް ޔޫނިއަނަށް ވުރެ ފަހަތުގަ އެވެ. އެހެންކަމުން ރައީސް ކެނެޑީ ބޭނުންފުޅުވެވަޑައިގެންނެވީ ސޯވިއެޓް ޔޫނިއަނަށް ގޮން ޖަހައިލެވޭ ފެންވަރުގެ މަޝްރޫއެއް ހިންގެވުމަށެވެ. އެ މަސައްކަތް ހަވާލުކުރެއްވީ އެމަނިކުފާނުގެ ނައިބު ރައީސް ޖޯންސަނާ އެވެ. ތަފާތު ދިރާސާތަކަކަށް ފަހު ހަނަދަށް އިންސާނުން ފޮނުވުމަކީ ކުރެވިދާނެ ކަމެއްކަމުގައި ބަލައި، އެކަން ކުރުމަށް ނާސާއާ ހަވާލު ކުރެވުނެވެ. އެއާއެކު ނާސާގެ ބަޖެޓް ދެ އަހަރު ތެރޭ 100 ޕަސެންޓް ބޮޑުކޮށް މަޝްރޫއު އަވަސްކުރަން އެންގެވި އެވެ. ހުރިހާ ވެސް ބޭނުމަކީ ސޯވިއެޓް ޔޫނިއަނަށް ވުރެ ކުރިން ހަނދަށް އިންސާނަކު ފޮނުވުމެވެ.
ހަނދަށް އިންސާނަކު ފޮނުވަން އެމެރިކާއިން ނިންމައި އެކަމަށް މަސައްކަތްކުރަން ފެށިއިރު ސޯވިއެޓް ޔޫނިއަން ވަނީ ޖައްވީ ހަރަކާތްތަކުގައި އެމެރިކާއަށް ވުރެ މާ ކުރީގަ އެވެ. އެންމެ ފުރަތަމަ ޖައްވަށް އިންސާނަކު ފޮނުވުމާއި ހަނދުގެ އޯބިޓަށް ރޮކެޓް ފޮނުވުމާއި ހަނދަށް އުޅަނދު ފޮނުވައިގެން ތަފާތު މައުލޫމާތު ހޯދުން ފަދަ ކަންތައް އޭރު ސޯވިއެޓުން ދިޔައީ ކުރަމުނުންނެވެ.
ކެނެޑީ ގެންގުޅުއްވި އިންސާނުން ހަނދަށް ފޮނުވުމުގެ ޚިޔާލުވީ، އޭރުގެ ނާސާގެ ސައިންސްވެރިންނަށް ވެސް އެހާ ފަސޭހައިން ބަލައިގަނެވުނު ކަމަކަށް ނޫނެވެ.
އޭރުގެ ނާސާގެ އިސް ވެރިޔަކަށް ހުންނެވި ޖޭމްސް ވެބާއި ރައީސް ކެނެޑީ ދައްކަވާފައި ހުރި ވާހަކަތަކުން މިކަން ވަރަށް ރީތިކޮށް ސާފުވެ އެވެ. 2001 ވަނަ އަހަރު އާންމު ކުރި އެ ވާހަކަތަކުގެ ރެކޯޑިންގައި ޖޭމްސް ވެބް ކެނެޑީގެ އަރިހުގައި ދަންނަވަނީ ހަނދަށް އިންސާނުން ފޮނުވުމުގެ ޕްރޮޖެކްޓަކީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ވަރަށް ބޮޑަށް ފެއިލްވެ ދިއުން ގާތް ޕްރޮޖެކްޓެއް ކަމުގަ އެވެ.
ސޯވިއެޓު ޔޫނިއަނާއެކު ޖައްވީ ރޭހަކަށް ދާން އޭރު ނާސާ އޮތީ އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ. އެހެންކަމުން ވެބް، ކެނެޑީއަށް ދެންނެވީ ޖައްވީ އެހެން ޕްރޮގްރާމްތަކަށް އިސްކަން ދެއްވުމަށެވެ. ޖަވާބުގައި ކެނެޑީ ވިދާޅުވީ "ޖައްވުގައި އަހަރެމެން ކުރާ ހުރިހާ ކަމެއް ބިނާވެފައި އޮންނަން ވާނީ ރަޝިޔާއަށް ވުރެ ކުރިން އިންސާނުން ހަދަށް ފޮނުވުމާ ގުޅިފައި" ކަމަށެވެ.
ކެނެޑީ އިތުރަށް ވިދާޅުވެފައި ވަނީ އެހެން ނޫންނަމަ މިފަދަ ބޮޑު ބަޖެޓެއް ނާސާއަށް ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ސަބަބަކީ ޖައްވަކީ އެމަނިކުފާނުގެ މާބޮޑު ޝައުގެއް ހުރި ދާއިރާއަކަށް ނުވާތީ އެވެ.
1963 ވަނަ އަހަރު ބަޑީގެ ހަމަލާއެއްގައި ކެނެޑީ އަވަހާރަކޮށްލިއިރު ނާސާއިން ހަނދަށް ދިއުމާ ބެހޭ ޕްރޮޖެކްޓުގެ މަސައްކަތް ހަލުވިކޮށް ކުރިޔަށް ދިޔަ އެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކެނެޑީގެ ނައިބު ރައީސް ޖޯންސަން ވެސް އެ ޕްރޮގްރާމް ކުރިޔަށް ގެންދެވި އެވެ.
ކެނެޑީ އަވަހާރަކޮށްލި ފަސް އަހަރު ފަހުން 16 ޖުލައި 1962 ގައި އެމެރިކާ އިން ވަނީ ހަނދަށް ތިން މީހަކު ފޮނުވައިފަ އެވެ. އެޕޯލޯ 11 ގައި ކުރި މިދަތުރުގައި ހަނދަށް ފުރަތަމަ ފޭބީ ފްލައިޓް ކޮމާންޑަރު ނީލް އާމްސްޓްރޯންގެވެ.
އެމެރިކާއިން ހަނދަށް އިންސާނަކު ފޮނުވިތާ 52 އަހަރު ފަހުން މިހާރު މިވަނީ އަނެއްކާ ވެސް އިންސާނުން ގޮވައިގެން ހަނަދަށް ދަތުރެއް ރާވައިފަ އެވެ. 2024 ގައި ކުރަން ކުރަން ރާވައިފައިވާ އެ ދަތުރުގެ ކުރިން ހޯދަން ޖެހޭ މައުލޫމާތު ހޯދައި ތައްޔާރުވުމުގެ ގޮތުން އިންސާނުންނާ ނުލައި ފޮނުވަން އޮތް އުޅަނދު އުދުއްސާލުން ދެ ފަހަރެއްގެ މަތީން ވަނީ ކެންސަލްކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތު އިންޖީނަށް ދިމާވާ މައްސަލައެއްގެ ސަބަބުން ދަތުރު ހުއަޓާލަން މަޖުބޫރު ވަނީ އެވެ. މިކަމުގެ ސަބަބުން ހަނދަށް އިންސާނުންނާއެކު ކުރަން ހަމަޖެހިފައިވާ ދެވަނަ ދަތުރު މިހާރު ވަނީ އެއް އަހަރު ފަސްކޮށް 2025 އަށް ތާވަލުކޮށްފަ އެވެ.
ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ކުރި ދަތުރަށް 52 އަހަރު ފަހުން ދެވަނަ ދަތުރަކަށް ނާސާ ތައްޔާރުވަމުން އަންނައިރު ޖައްވީ ރޭހުގައި ސޯވިއެޓް ޔޫނިއަންގެ ބަދަލުގައި މިފަހަރު ވާދަކުރަން ޖެހިފައި ވަނީ މާ ފަހުން އެ ދާއިރާއަށް ނިކުތް ޗައިނާ އާ އެވެ.
މިހާރު ވެސް ހަނދުގައި އުޅަނދެއް ބާއްވައިގެން ތަހުލީލުތަކެއްކުރަމުން އަންނަ ޗައިނާ އިން ވެސް ގެންދަނީ މީހުނާއެކު ހަނދަށް ފޮނުވާނެ ރޮކެޓެއްގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާއިން އެންމެ ފުރަތަމަ ހަދަށް ދިއައިރާ އަޅާބަލާއިރު މިހާރު ޓެކްނޮލޮޖީ އާއި މައުލޫމާތު ފެތުރުމުގެ ގޮތުން ދުނިޔެއަށް ލިބިފައިހުރި ކުރިއެރުމުގެ ސަބަބުން މިފަހަރު ހަނދަށް ކުރާ ދަތުރުގެ މައުލޫމާތާއި މަންޒަރު ގިނަ ބަޔަކަށް ވަގުތުން ފެންނާނެ އެވެ. އެފަދަ ގޮތަކަށް ކުރާ ދަތުރުގެ ސަބަބުން އެމެރިކާއިން ދުވަހަކު ވެސް ހަނދަށް ދިޔަކަމާ މެދު ޝައްކުކުރާ ފަރާތްތަކުގެ ޝައްކު ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށް އޮތީ ވަރަށް ކުޑަ އިންތިޒާރެކެވެ.