މާލޭގައި މިއަދު ހިންގި ޑްރަގްގެ ބޮޑު އޮޕަރޭޝަންގަައި 71 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި އެވެ.

މި އޮޕަރޭޝަންގެ ތެރެއިން ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.

އެ އޮޕަރޭޝަނާ ބެހޭގޮތުން އިތުރު ތަފުސީލް ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ އޮޕަރޭޝަންގައި ކާރެއްގެ ތެރެއިން ގާތްގަނޑަކަށް 71 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.

އަތުލައިގަތް ޑްރަގްގެ ހަތަރު ޕެކެޓަކާއެކު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރު ވިދާޅުވީ ނިޒާމުގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކިން ހުއްޓުވުމަށް ދަތިތައް ހުއްޓަސް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ފުލުހުން ހުރަސް އަޅާނެ ކަމަށެވެ.

އެ އޮޕަރޭޝަނެއް މާލެ ތެރޭގައި އާއި ކަނޑުމަތީގައި ހިންގައި، ޑްރަގާއެކު 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި އެ އޮޕަރޭޝަންގައި ދެ ލަގެޖަކާއި ދެ ގޯނީގައި ހުރި ޑްރަގް އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމިޝަނަރު ވިދާޅުވީ ޑްރަގް ނެޓްވޯކް އަތުލައިގަތުމުގެ ހަރަކާތާ ގުޅިގެން މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ތަންތަން ފާސްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރީދީމަގުގައި މިއަދު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ޑްރަގް ޕެކެޓްތަކެއް. ފޮޓޯ: ޕޮލިސް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި ފަރީދީމަގު، ރެޑްވޭވް ފިހާރަ ކުރިމަތިން ކާރެއް ވަނީ ހުއްޓުވައިފަ އެވެ. އެ ކާރުގެ ޑިކީ ހުޅުވައިފައި ހުރި އިރު، ފޮޓޯއިން ބޮޑު ދެ ގޯނި ފެންނަން ހުއްޓެވެ.