ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައިފި އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވުމުން އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ކޯޓުން އިއްޔެ ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށެވެ. އޭނާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވެފަ އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ، މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން "އިންޑިއާ އައުޓް" ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

އެމީހާ ކޯޓުގައި ބުނެފައި ވަނީ ކެނެރީގޭ ފާރުގައި ސްޕްރޭއިން ލިޔެފައިވާނެ ކަމަށާއި، އެކަމަކު އެކަން ހިނގައި ދިޔަ ގޮތް މިހާރު ހަނދާން ނެތް ކަމަށެވެ. ކުށަށް އިއުތިރާފްވުމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ކަނޑައަޅުއްވާފަ އެވެ.