ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަންތައް އަހަރަކު އެއް ފަހަރު ބޭއްވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފުކަމެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.
އެލްޖީއޭއިން މިފަދައިން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާ ގުޅޭގޮތުން އެ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ވިދާޅުވީ ބައިއިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލުތަކަށް ދޫކޮށްލަން އެލްޖީއޭއިން އަބަދުވެސް ތާއީދުކުރާ ކަމެއްކަމަށާއި ނަމަވެސް، އަހަރަކު އެއް ފަހަރު ބައި-އިލެކްޝަންތައް ބާއްވަން ގެންގުޅޭ ވިސްނުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ.
އަފްޝަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ވަކި މިންގަނޑުތަކަކަށް ފެތޭގޮތަށް ބައިއިލެކްޝަންތައް ބާއްވާތީ ހަރަދު ބޮޑުވާކަމަށާއި ނަމަވެސް އެ މިންގަނޑުތައް ލުއިކޮށް އަތޮޅު ކައުންސިލުތަކުން އެ އިންތިހާބުތައް ބޭއްވުމުން ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށެވެ. އަދި އަހަރަކު އެއް ފަހަރު އެ އިންތިހާބު ބާއްވާ ގޮތަށް ހެދުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ގަބޫލެއް ނުކުރެވޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.