ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތަކުގެ ލިސްޓެއް އަތުގައި ނެތްކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވިދާޅުވި އެއްވެސް ކަމެއް ފެށިފައި ނެތް ކަމަށާއި މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުވެސް މި ދައުރުގެ ތެރޭގައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެކަންކަން ދެން ކުރާނެ ގޮތުގެ ވިސްނުމަކީ ކޮބައިތޯ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސުވާލު ކުރެއްވުމުންނެވެ.

އެ ސުވާލަށް އަސްލަމް ޖަވާބުދެއްވަން ފެށިތަނާ، ނިޒާމީ ނުކުތާއެއް ނަންގަވައި އާމިރު ވިދާޅުވީ އޭނާ ފާހަގަކުރީ ރިޔާސީ ވައުދުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުތައް ކަމަށެވެ. އާމިރުގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކަކީ އެ ޕާޓީގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އެކި ރަށްރަށަށް ވަޑައިގެން ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކަކީ ވައުދުތަކުގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅުވައިގެން އަސްލަމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެން ކަމަށް ވިދާޅުވި ކަންކަން ހިމެނޭ ލިސްޓެއް އޭނާގެ އަތުގައި ނެތް ކަމަށާއި އާމިރުގެ ސުވާލަށް ސީދާ ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެން ކަމަށް ވިދާޅުވި ކަންކަން އެ ލިސްޓެއް އަޅުގަނޑު އަތަކުއެއް ނުއެއް ނެތް، އެހެންވީމާ ވިދާޅުވި ބަސްފުޅައް އަޅުގަނޑަކަށެއް ނޭނގެ ސީދާ ޖަވާބެއް ދޭކަށް، އެވެނި ކަމެއް ނުވެޔޭ މިވެނި ކަމެއް ވިޔޭ،" އަސްލަމް ވިދާޅުވި އެވެ.