އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އާ މައްސަލަތަކުގެ ދިރާސާކޮށް، އެކަންކަމުގެ ދީނީ ލަފާ ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދެވި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވެގެންދިޔަ އިރުވެސް، ކޯލިޝަން ސަރުކާރުން އެ މަޖިލިސް އެލަވާލާފައި ނުވާ ކަމަށެވެ.ރާއްޖޭގައި ދީނީ ހިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވެ، ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅިފައިވާ ކަމަށް މެންބަރު އާދަމް ޝަރީފްގެ ގަރާރުގައި ބުނެފައިވެ އެވެ.

މި ގަރާރުގައި ބުނެފައިވަނީ އެކި މީހުން، އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާއީ މައްސަލަތައް އުފެދި، ޖިނާއީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގަމުންދާއިރުވެސް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް އެކުލަވާ ނުލާ ކަމަށާއި އެ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން އައްޔަންކޮށް، އެ މަޖިލިސް އެކުލަވާލައި، އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

"ދީނީގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީގޮތް އޮޅި، އެކި މީހުން، އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާޢީ މައްސަލަތައް އުފެދި، ޖިނާޢީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި ޢަމަލުތައް ހިންގައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގަމުންދާއިރުވެސް، ގާނޫނު ނަންބަރު 2016/6 ގައި ބަޔާންކުރާ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް އެކުލަވައިނުލުމާއި އަދި އެ މަޖިލީހުގެ ބޭނުން ކޯލިޝަން ސަރުކާރުން ނުހިފާތީ" މި މައްސަލައިގައި ބުނެފައިވެ އެވެ.

މިމަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ދޭ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.