ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަތަކަކީ ވައުދު ކަމަަށާއި އެކަންކަން ފުއްދަވާ ދެއްވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރުމަށް މިއަދު މަޖިލީހުގައި ދިން ފުރުސަތުގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ގޮސް ދައްކާ ވާހަކަތަކާއި ޕާޓީގެ މެނިފެސްޓޯގައި އޮންނަ ވާހަކަތަކާއި ތަފާތު ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ކޮށްދެއްވަން ވިދާޅުވާ ކަންކަމަކީ ވައުދު ކަމަށެވެ.

"ކަމެއް ކޮށްދެއްވާނެކަމަށް، މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވާ ކަންކަން ކޮށްދެއްވާނެ، އަދި އެކަން ހިނގަމުންދޭތޯ ރައީސް ބައްލަވާނެ؛ މިކަމުގައި ކުޑަ ރަށެއް، ބޮޑު ރަށެއް އަދި ސިޔާސީ ފިކުރަކަށް ނުބައްލަވާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދި އެކިއެކި ބައްދަލުވުންތަކުގައި ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ޚިޔާލާއި ޝަކުވާއަށް ހައްލެއް ހޯއްދަވައިދެއްވުމަށް އަޅުއްވާނެކަމަށްވާ ވިދާޅުވާ ފިޔަވަޅުތަކަކީ އަދި ކޮށްދެއްވާނެކަމަށް ވިދާޅުވާ ކަންކަމަކީ ކަމާ ގުޅުން ހުރި އިދާރާތަކާއި ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހު ވިދާޅުވާ ވިދާޅުވުމެއް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މީގެ ކުރިން ވަނީ ސަރުކާރުންވާ ހުރިހާ ވައުދެއް ނުފުއްދޭނެ ކަމަށް މަޖިލީހުގައި ވިދާޅުވެފަ އެވެ. އެގޮތުން ގިނަ ފަހަރަށް ވައުދުވަނީ އެއްވެސް ޕްލޭނެއް ދިރާސާއެއް ނެތި ކަމަށާއި އެހެންކަމުން އެފަދަ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.