ރާއްޖޭގެ ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ މާލޭގައި 11، 12 އަށް ކިޔެވުމަށް ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި ޖާގަ ލިބޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފީ ކުޑަކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރޭތޯ ސުވާލުކުރައްވާ ފައެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއްގައި އެ ދެގްރޭޑް ތައާރަފް ކުރުމަކީ ފީސިބަލް ކަމެއް ނޫން ކަމަށެވެ.

"ކޮންމެ ސްކޫލެއްގައި 11، 12 ތައާރަފް ކުރުމަކީ އަސްލު، ފީސިބަލް ކަމެއް ނޫން. އެއީ އަޅުގަނޑުމެން 11، 12 ތައާރަފްކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓްރީއެއް އެތާ ޑިވެލޮޕްކުރަން ޖެހޭ. ވަރަށް ރަނގަޅު މުދައްރިސުން އެތަންތަނަށް ފޯރުކޮށްދޭން ޖެހޭ. އެހެންވީމާ ވީހާވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11، 12 ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި ވަނީ 11، 12 އަށް ކިޔެވޭނެ އިންތިޒާމްތައް ތަނަވަސް ކުރުމަށް ކަމަށާއި، ސެންޓަރ ފޮރ ހަޔަރ ސެކްންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ އައު އިމާރާތާއެކު ޖާގަ އިތުރު ކުރެވުމުން އެކަމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.