ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓްތައް ނިންމައި މުވައްޒަފުންނާ މިއަދު ހަވާލުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލުން އިމާރާތްކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ.

ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި އެތަންތަނުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ ދެ ޓަވަރުގެ މެދުގައި އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފްލެޓްތައް އެޅީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ އެއް ކުންފުނި ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވަރަށް ރަނގަޅަށް ބަލަހައްޓައިދެމުން އިޖުތިމާއީ ވަރަށް ގިނަ މަސައްކަތްތަކުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާ ކަމަށް ފާހަގަކުރެއްވި އެވެ.

"މިތަނުގައި މުވައްޒަފުން މަސައްކަތްކުރަމުން ދަނީ ވަރަށް ބުރަކޮށް، ވަރަށް ހީވާގިކޮށް. އެއާޕޯޓް މެނޭޖްކުރަމުން މި ގެންދަނީ މުވައްޒަފުންގެ މިންނެތް މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ފްލެޓްތަކަށް ފައިސާ ދައްކަންޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ. ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ދެއްކުމުގައި މުވައްޒަފުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަަމަޖައްސައިދީފައިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.