ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މައްސަލަ މީގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފެންމަތިކޮށްފަ އެވެ. އެގޮތުން ކުންފުންޏަށް ނުލިބި ދިިގު މުއްދަތެއް ވެފައިވާ (އިމްޕެއާޑް) 717 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ފްލެޓުތަކުން ލިބެން ޖެހޭ ފައިސާ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގަމުން އަންނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، އެމްއޭސީއެލް އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިހާތަނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 31 ޕަސެންޓް އާއި 42 ޕަސެންޓާ ދޭތެރޭގެ އަދަދެއްގެ ތަން ތަނަށް މަހުން މަހަށް ދައްކަން ޖެހޭ ކުލި ނުދައްކާ ކަމަށެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން ސަރުކާރަށް މާލީ ބުރަ ބޮޑުވެ، ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެކޮޅު ޖައްސަން އުނދަގޫވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެކި ނަން ނަމުގައި ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ލާރި، 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން، ހަމައަށް ގަވާއިދުން ދައްކަމުން ނުދޭ،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާ ނަމަ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެކޮޅު ޖެއްސޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މުސްތަގުބަލުގައި މިކަން ކުރެވޭނީ ފްލެޓު ލިބޭ މީހުން ޑީފޯލްޓު ނުވެ ކުލި ދައްކާ ނަމަ ކަމަށެވެ.

އޭނާ ވިދާޅުވީ 1990 ގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިޔަސް ސަރުކާރަށް "ކެތްކުރެވޭނެ" ކަމަށެވެ. އެކަމަކު މިހާރު ހާހުން ފްލެޓް އަޅަމުން އަންނައިރު 40 އަކަށް ޕަސެންޓް މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ، އެކަން "ދެކޮޅު ޖެއްސޭނެ" ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެެހެންވެ، އަސްލަމް ވަނީ އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް "ހެޔޮހިތުން" އަޅައިދިން ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.

"ޑިފޯލްޓްވާ މުވައްޒަފުންތަކެއްގެ ގޮތުގައި ތިޔަ މުވައްޒަފުން ނުވައްޗޭ. އެހެން ހަދައިފިއްޔާ ދެން އަންނަން އޮތް މުސްތަގުބަލުގައި ތިޔަ މުވައްޒަފުންގެ ތެރެއިން އަލަށް ފްލެޓް ލިބޭ މުވައްޒަފުންނަށް އެމީހުން އުއްމީދުކުރާ ކަހަލަ ފްލެޓްތަކެއް ނުލިބޭނެ،" އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.