ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ޝީ ޖިންޕިންއަށާއި ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ ލީ ކީކްޔާންގަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީއެއްގައި އެވެ.

‏ރައީސް ސޯލިހު ޗައިނާގެ ރައީސަށް ފޮނުއްވި ސިޓީގައި، ޗައިނާގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ގައުމުގެ ކުރިމަގު އިތުރަށް ތަރައްގީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފަ އެވެ. އަދި، ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭ ވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވެސް އެމަނިކުފާނުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ސޯލިހު ޗައިނާގެ ޕްރެމިއާ ލީ ކީކްޔާންގަށް ވަކިން ފޮނުއްވި ސިޓީގައި، ދެ ގައުމުން ވެސް ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.