ގޮތް ނޭނގޭ މަރުތައް ގިނަވަމުންދާ މައްސަލައާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.
މިމައްސަލަ ބަލައިގަނެ މަޖިލީހުގައިވަނީ ބަހުސްކޮށްފަ އެވެ.
މި މައްސަލާގައި އާދަމް ޝަރީފު ވިދާޅުވެފައިވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން އުމުރުން 27 އަހަރުގެ އަހްމަދު އަޒްހާން ގެއްލިފައިވާއިރު އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް މި މަހުގެ ދެވަނަ ދުވަހުގައި ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
އަދި އެ ހަށިގަނޑު ފެނުނުއިރު ގިނަ ދުވަސްވެ ވަރަށް ބޮޑަށް ކުނިވެފައިވާކަން ފުލުހުން ހާމަކޮށްފައިވާ ކަމަށާއި އަޒްހާނުގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓައި އެންމެ ފަހުން ފެނުނު ސަރަހައްދާ ވަރަށް ކައިރި ސަރަހައްދަކުން ކަމަށެވެ. އަދި އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރި ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާހަގަކުރާ ކަމަށެވެ. އަދި އަޒްހާނު ގެއްލިގެން 14 ދުވަސް ފާއިތުވިއިރު އޭނާ ވީތަނަކާއި އޭނާއަށް ވީ ގޮތެއް ހޯދިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އޭނާގެ މަރުގައި ޝައްކުވާ ބަޔަކު ނެތްކަމަށް ފުލުހުން ބުނާކަމަން އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ.
"ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގަމުންދާއިރު، މިކަންކަމާ ގުޅޭ އެކަށޭނަ މައުލޫމާތު އާންމު ނުކުރާތީއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރަންޖެހޭކަމަށް ޤަބޫލުކުރާތީ" އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި މިފަދަ ކަންކަން އިތުރުވާ ސަބަބުތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
އަޒްހާނު ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަން ގިނަ ބަޔަކު ފާހަގަކޮށް އެ އިދާރާއަށް އަންނަނީ ފާޑުކިޔަމުންނެވެ.