ސައިބާ ސޭފް މޯލްޑިވްސް، ގައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާއިއެކު އިންޓާނެޓާއި، ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

މިޖަލްސާގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޓާނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވިގޮތުގައި، އިންޓަނެޓާއި، ޓެކްނޯލޮޖީގެ ވަސީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓާނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާޢީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށްވެސް ނައިބް ރައީސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި އެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓާނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓާނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބާ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ 'އިންޓާނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމަރސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބާ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގަ އެވެ.