ކެސިނޯ އަޅަން ތާއީދު ނުކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެސީނޯ އަޅަން މަޝްވަރާ ކުރަންޖެހޭ ކަމަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅު ކުރުމުންނެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ ކެސިނޯ އަޅަން ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި, އެކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

''އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދުކުރާ މީހެއް ނޫން އަދި އެކަމަށް ވަކާލާތު ކުރާ މީހެއް ވެސް ނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއް ވެސް ނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއް ވެސް ނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައި ވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން،'' މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފް އިއްޔެ ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް އެ ހިސާބުން އެ މީހަކު ގޯސްވީ ކަމަށާއި, އެންމެން އުޅެން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އޮންނަ ކަމަކަށް ނުވާ ކަމަށެވެ.