ފަހަކަށް އައިސް ޑޮލަރު ހޯދައިދޭނެކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފާ ކުރުމަށްފަހު، ނުބައި ސްލިޕެއް ފޮނުވާ މައްސަލަތައް ވެސް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"ހާއްސަކޮށް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފާ ގަބޫލުކުރަން ފެށުމުންކަން ވަނީ ފާހަގަކުރެވިފައި،" އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މި މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ވިޔަފާރިކުރުމަށްފަހު ނުބައި ޓްރާންސްފާ ސްލިޕް ފޮނުވާ މައްސަލަތައް ވެސް ހުށަހެޅޭ މިންވަރު އިތުރު ކަމަށެވެ. އަދި ޑޮލަރު ހޯދުމަށް މުއާމަލާތުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގުމަކީ މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން އެންމެވެސް މިފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހޭ. ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަކީ ވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.