ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބުދަ ދުވަހުގެރޭ ފުވައްމުލަކު އިބަމަ މެންބަރުންނާ ބައްދަލުކުރައްވާ، އިބަމައިގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ޙަފްލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވި އެވެ.

އެކަމަނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލަކުގައި ދިރިއުޅޭ ޢުމުރުން އެންމެ ދުވަސްވީ އިސް ދެ ރައްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ޙާލު ބައްލަވާފަ އެވެ. އަދި އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު" އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފައެވެ. އ.ދ. ގެ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑާ ޕާސަންސް އިން އަ ޗޭންޖިން ވޯލްޑް" އެވެ.