ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ މިންވަރު މަދުކުރަން އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމާއަތް ކަމަށްވާ އޯޕެކް ޕްލަސްއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި އެވެ.

އޯޕެކް ޕްލަސް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން އިސްވެ އޮވެ، އޯޕެކް ޕްލަސް އިން ނިންމި ނިންމުމަކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ތެލުގެ ބާޒާރާއި އެހެނިހެން ފަންނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

އޯޕެކް ޕްލަސްގެ ނިންމުމަކީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި މި ނިންމުން ބަލައިގަންނަންޖެހޭ ކަމުގައި ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން މި ނިންމުމަކީ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

"އޯޕެކް ޕްލަސް އިން މި ނިންމުން ނިންމާފައި ވަނީ މެމްބަރުގެ ގައުމުތަކުގެ އިއްތިފާގުންކަން ދިވެހި ސަރުކާރުން ފާހަގަކުރަން. މީގެ އިތުރުން މި ފިޔަވަޅަކީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ނުދެކި، ދުނިޔޭގެ ތެލުގެ މާކެޓު ހަމައަކަށް އެޅުވުމަށް އެޅި ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކުން މުހިންމު،" އެ ބަޔާނުގައި ބުންޏެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރުމުގެ ގޮތުން އޯޕެކް ޕްލަސްގެ ގައުމުތަކުން ދުވާލަކު އުފައްދާ ތެލުން ދެ މިލިއަން ފީފާ މަދުކުރުމަށް މި މަހުގެ 5 ވަނަ ދުވަހު ނިންމި ނިންމުމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އުފުލި އިންފްލެޝަން ރޭޓް ވަނީ މައްޗަށް ޖެހެން ފަށައިފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

މި ގެއްލުންތަކުގެ ސަބަބުން އެމެރިކާއިން ވަނީ ސައުދީއާ މެދު ނުރުހުންވެފަ އެވެ. ތެޔޮ އުފެއްދުން މަދުކުރުމުގެ ނިންމުމަށް ޔޫރަޕުގެ ނުރުހުން ވެސް އޮތީ އަމާޒުވެފަ އެވެ.

ތެޔޮ ބޭރުކުރާ މިންވަރު މަދުކުރަން އޯޕެކް ޕްލަސް އިން ނިންމިއިރު، ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިފަހުން ބޮޑު ނުވާ ވަރަށް މައްޗަށް ގޮސްފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ވެސް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.