ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދްކޯން ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓަށް އަރައިފި އެވެ.

މޫނުގެ ބައްޓަމާއި ފީޗާތައް ވަޒަންކޮށްގެން އެންމެ ރީތި މީހުން ކަނޑައަޅާ ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ ފޯމިއުލާގެ ދަށުން އެންމެ ރީތި 10 އަންހެނުންގެ ތެރޭގައި 36 އަހަރުގެ ބަތަލާ ހިމެނުނީ އޭނަގެ މޫނުގެ ފީޗާތައް ވަޒަންކޮށްގެން ލިބުނު 91.22 މާކްސްއާ އެކު އެވެ.

ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީން މިނެކިރައިގެން ރީތި ވަޒަންކޮށް ނެރުނު ލިސްޓްގެ އެއް ވަނާގައި ހިމެނުނީ އިނގިރޭސި ބަތަލާ ޖޮޑީ ކޯމާ، 29، އަށެވެ. އޭނަގެ މާކްހަކީ 98.7 އެވެ. ކުރިން ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީގެ އެންމެ ރީތި މީހަކީ އެމެރިކާގެ މޮޑެލް ބެލާ ހަޑީޑް، 27، އެވެ. މި ފަހަރު އޭނަ އޮތީ ލިސްޓްގެ ތިން ވަނައިގަ އެވެ.

ދެވަނައިގައި އޮތީ މިދިޔަ އަހަރުގެ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ބަތަލާ ޒެންޑާޔާ، 26، އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ އޮތީ ލިސްޓްގެ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ އެމެރިކާގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ، 41، އެވެ.

ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީގެ ގަދަ 10 ގައި ދެން ހިމެނެނީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ އާއި އިނގިރޭސި ބަތަލާ ޖޯޑަން، 32، އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް، 32، އާއި އެމެރިކާގެ ސެލެބްރިޓީ ކިމް ކާޑޭޝިއަން، 41، ގެ އިތުރުން ދެކުނު ކޮރެއާގެ ބަތަލާ ހޯ ޔިއޮން ޖަންގް، 28، އެވެ.

ދީޕިކާ އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު އެކްޓަރު ޝާހްރުކް ފެނިގެންދާ "ޕަތާން" އިން ނެވެ.

"ޕަތާން"އަކީ "އޯމް ޝާންތީ އޯމް"، "ހެޕީ ނިއު އިޔާ" އަދި "ޗެންނާއީ އެކްސްޕްރެސް"އަށް ފަހު ދީޕިކާ އާއި އެސްއާރުކޭ ގުޅިގެން އުފެއްދި ހަތަރު ވަނަ ފިލްމެވެ. ސިދާތު އާނަންދު ޑައިރެކްޓް ކުރާ މި ފިލްމުގައި ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލެއް ފެނިގެންދެ އެވެ.