ހިންދީ ސިނަމާގައި ބޮޑު މަޝްހޫރު ކަމެއް ހޯދި "އާރްއާރްއާރް" އަދި "ބަހޫބލީ"އަށްފަހު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ގެނެސްދޭ ފިލްމުގައި ލީޑް ރޯލުގައި ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާއި މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މުނިފޫހިފިލުވައިދޭ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖަމޯލީ އަންނަނީ އަނެއްކާ ވެސް އާ ފިލްމަކަށް ތައްޔާރުވަމުންނެވެ. އަދި އެ ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމަކީ "އެސްއެސްއެމްބީ29" ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ މި ފިލްމަށް ކާސްޓްކޮށްފައިވާއިރު، މި ރިޕޯޓްތައް ބުނާގޮތުން މީގެ އަންހެން ލީޑްގެ ރޯލުން ފެންނާނީ މިހާރު ބޮލީވުޑްގައި އެންމެ ހުނަރުވެރި އެއް ތަރި ދީޕިކާ ޕަޑްކޯނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

މީޑިއާއަށް އެކްޓަރު މަހޭޝް ބާބޫ ދިން އިއްޓަވިއުއްގައި ބުނެފައި ވަނީ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި އަވަސް ކަމަށާއި ނަމަވެސް މި ފިލްމަކީ އޭނާގެ ވަރަށް ބޮޑު ހުފަނެއް ކަމަށެވެ.

އެސް.އެސް ރާޖަމޫލީ އާއި އޭނާއާއި އެކުގައި މަސައްކަތް ކުރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެންމެ ފަހުން އެކަން ވެގެން މިދަނީ ކަމަށް ވެސް މަހޭޝް ބާބޫ އޭރު ވަނީ ބުނެފަ އެވެ.

ރާޖަމޯލީގެ އާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔަނީ އޭނަ އާއި ބައްޕަ ކޭވީ ވިޖަޔަންދުރަ ޕްރަސާދު ގުޅިގެންނެވެ. ރާޖަމޯލީ ޑައިރެކްޓްކުރި ގިނަ ފިލްމުތަކުގެ ސްކްރީން ރައިޓަރަކީ ވިޖަޔަންދުރަ އެވެ.

މި ފިލްމުގެ ކުރިން ދީޕިކާ ވަނީ މެގަސްޓާ ޕްރަބާސް އާއެކު "ޕްރޮޖެކްޓް ކޭ" ކިޔާ ދެކުނުގެ އިތުރު ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ނާގް އަޝްވިން ލިޔެ ޑައިރެކްޓްކޮށް ވައިޖަޔަންތި މޫވީސް އިން ޕްރޮޑިއުސްކޮށްފައިވާ ސައިންސް ފިކްޝަން ފިލްމެކެވެ.

ތެލެގޫ އަދި ހިންދީ ބަހުން ވެސް ރިލީޒްކުރަން ހަމަޖައްސާފައިވާ މި ފިލްމުގައި ސުޕަ ސްޓާ އަމީތާބް ބައްޗަން އާއި ދިޝާ ޕަޓާނީ ވެސް ފެންނާނެ އެވެ.