ސޮނީ ޓީވީއިން ދައްކާ ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ)" ސެޓްގައި ހިނގި ހާދިސާއެއްގައި ވާތު ފައިގެ ނާރެއް ބުރިވެގެން ފަރުވާ ހޯދާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.

މީގެ 21 އަހަރު ކުރިން ފެށިގެން ހޯސްޓް ކުރަމުން އަންނަ މިޝޯގެ ސެޓްގައި ހިނގައިދިޔަ ހާދިސާ ހިއްސާ ކުރަމުން އަމީތާބް ބުނެފައިވަނީ ފައިގެ ނާރެއް ބުރިވެގެން ލޭ އައުން ކޮންޓްރޯލް ކުރުމަށް ޒަހަމްވީ ތަނަށް ފަރުވާދިނުމަށްފަހު ފަހާފައިވާ ކަމަށެވެ.

"ދަގަނޑު ކޮޅަކުން އަހަރެންގެ ވާތު ފައިގެ ނާރު ބުރިވި. އެ ނާރު ބުރިވުމުން ލޭ ނުހިފެހެއްޓުނު. ޓީމް އޮފް ސްޓާފުންނާއި ޑޮކްސްގެ އެހީތެރިކަމާ އެކު ވަގުތުން ލޭ އަންނަ ތަނަށް ފަރުވާދީ ފެހީ" އަމީތާބްގެ ރަސްމީ ބްލޮގްގައި ލިޔެފައިވެ އެވެ. އުމުރުން 80 އަހަރުގެ އަމީތާބް ޓްރެޑްމިލްގައި ހިނގަން މަސައްކަތް ނުކުރުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.

ފިލްމީ ދާއިރާގައި މިއަހަރުގެ މިހާތަނަށް އަމީތާބް ހަތަރު ފިލްމެއް ކުޅެފައިވާ އިރު އެއީ "ޖުންދު"، "ރަންވޭ 34"، "ބްރަހްމަސްތުރާ: ޕާޓް ވަންޝިވާ" އަދި "ގުޑްބާއީ"އެވެ.

އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ ނޮވެމްބަރު 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ސޫރަޖް ބަރްޖަތިޔާގެ"އޫޗާއީ" އިންނެވެ. އަމީތާބުގެ އިތުރުން އަނުޕަމް ކޭރާއި ބޯމަން އިރާނީ ލީޑު ރޯލު ފެނިގެންދާނެ އެވެ.