މިހާރު ކަލާޒް ޓީވީއިން ގެނެސްދެމުން އަންނަ "ބިގްބޮސް 16" އިން މިސް އިންޑިއާ 2020 ގެ ދެވަނައަށް ހޮވުނު މާންޔާ ސިންގް ކަޓައިފި އެވެ.

މާންޔާ ވެގެން ގޮސްފައިވަނީ މިފަހަރުގެ ސީޒަންގައި އެންމެ މަގުބޫލުކަން ކުޑަ ބައިވެރިޔެއްގެ ގޮތުގަ އެވެ. މާންޔާ ބިގްބޮސްއިން ވަކިވެގެން ދިޔައިރު މިދިޔަ ހަފްތާގައި ނޮމިނޭޓްވެފައި ވަނީ މާންޔާގެ އިތުރުން ސުމްބުލް ތައުގީރާއި ޝާލިން ބަނޮތެވެ.

މި ހަފްތާގައި ބިގްބޮސްއިން މާންޔާ ވަރަށް ހަރަކާތެރިކޮށް ފެނިގެން ގޮސްފައިވާއިރު، އޭނާގެ އަމަލުތަކުން ބެލުންތެރިން ތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި މިޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ސޯންދަރިޔާ ދަށްކޮށްލުމުގެ ގޮތުން މާންޔާ ދެއްކި ވާހަކައިގެ ސަބަބުން އޭނާއަށް ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.

މިސް އިންޑިއާ ތަމްސީލުކުރި މީހެއްގެ ފަރާތުން އެހާ ދަށު ދަރަޖައިގެ ވިސްނުމެއް ފެނިދާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށް ބެލުންތެރިން ވަނީ ބުނެފަ އެވެ.

ތިން ހަފްތާއެއްހާ ފަހުން މާންޔާ ޝޯ އިން ކެޓިއިރު ކުރީކޮޅުގައި އޭނާގެ ފަރާތުން މާބޮޑު ބައިވެރިވުމެއް ވެސް ޝޯއަކުން ނުފެނެ އެވެ.

ޝޯގައި އޭނާ އުޅުނުއިރު އޭނާއަކީ މިސް އިންޑިއާއަށްވުމުގެ ސަބަބުން އެކަމާ ވަރަށް ފަހުރުވެރިވެގެން އުޅުނު މަންޒަރު ވެސް ފެނުނެވެ. އޭނާ ވަނީ ޝޯގެ ބައިވެރިވާ، އަދި މަޝްހޫރު ޓީވީ ތަރި، ޝްރީޖިތާއަކީ "ހަމައެކަނި ޓީވީ އެކްޓްރެސް" އެއް ކަމަށް ބުނެ ދަށްކޮށްލުމުގެ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

އެކަމާ ގުޅިގެން ޝޯ ހުށަހަޅާ ސަލްމާން ޚާން ވެސް ވަނީ "އަމިއްލަ މީހާ ފެނިފައި ހުންނާތީ" މާންޔާއަށް ފާޑުކިޔައިފަ އެވެ.

މާންޔާގެ އެ ކޮމެންޓާ ގުޅިގެން، ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ތަރިންތަކެއް ވަނީ އެމީހުންގެ މަސައްކަތް ދަށްކޮށް، މާންޔާ ދެއްކި ވާހަކަތަކާ މެދު ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި އޭނާއާ ދެކޮޅަށް ނިކުމެ ވާހަކަ ދައްކައިފަ އެވެ.

މި ހަފްތާގައި ސަލްމާން ޚާން ޝޯއިން ބްރޭކެއް ނަގާފައިވާއިރު "ވީކެޓް ވާރު" ގައި ފެނިގެން ގޮސްފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރެވެ.

މި ޝޯގެ ބައިވެރިންނަކީ ނިމްރިތު ކައުރް އަހުލުވާލިއާ، އަންކިތު ގުޕްތާ، ޕްރިޔަންކާ ޗައުދަރީ، އަބްދު ރޮޒިކް، ގައުތަމް ވިގް، އަރްޗަނާ ގައުޓަމް، ޓީނާ ދައްތާ، ސްރީޖީތާ ޑީ، މެކް ސްޓެން، ޝިވް ތަކަރޭ، ސާޖިދު ޚާން، ޝަލީން ބާނޯތު އަދި ގޯރީ ނާގޯރީ އެވެ.