ޗައިނާގައި އަނެއްކާ ވެސް ކޮވިޑް-19 ބަލިމަޑުކަމާއެކު ލޮކްޑައުންއަކާ ވަނީ ކުރިމަތިލާ ޖެހިފަ އެވެ. އަދި ޗައިނާ ސަރުކާރުން ގެންގުޅޭ ކޮވިޑް ޒީރޯގެ ހަރުކަށި ސިޔާސަތާ ދެކޮޅަށް ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން 1980 ގެ ތެރޭގައި ނެރުނު ހިންދީ ފިލްމު "ޑިސްކޯ ޑާންސް"ގައި ހިމެނޭ "ޖިމީ ޖިމީ އާޖާ އާޖާ" ލަވަ މިހާރު ޗައިނާގެ ގިނަ ޒުވާނުން ސަރުކާރާ ދެކޮޅަށް އަންނަނީ ބޭނުން ކުރަމުންނެވެ. ޓިކްޓޮކްގައި މިލަވަ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
ޑިސްކޯ ޑާންސްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދި ބައްޕީ ލެހެރީ ކޮމްޕޯސްކޮށް ޕާރްވަތީ ހާން ކިޔާފައިވާ ލަވަ، މެންޑަރިން ބަހަށް ބަދަލު ކޮށް "ޖީ މީ ޖީ މީ" ނުވަތަ "ގިވް މީ ރައިސް ގިވް މީ ރައިސް" ގެ މާނައިގައި ބޭނުން ކުރަން ފަށާފައި ވަނީ ލޮކްޑައުން އާއެކު އެތައް ބަޔަކު ހާލުގައި ޖެހި ކާއެތިކޮޅު ވެސް ނުލިބި ތިބެން ޖެހުމުން ރުޅިވެރިކަމުގެ ޝުއޫރު ފާޅު ކުރުމަށެވެ.
މި ލަވަ ޗައިނާގެ ޒުވާނުން ބޭނުން ކުރަމުން ދާ އިރު ގިނަ ބަޔަކު ވީޑިއޯ ހަދާފައި ވަނީ ސާރީ ވެސް ލައި ނިތްކުރީގައި ހިންދޫން ޖަހާ "ބިންދީ" ނުވަތަ ރަތް ތިކި ވެސް ޖަހައިގެންނެވެ. އަދި ލަވަޔާ އެއްވަރަށް ތުން ތަޅުވަމުން ދާ އިރު، އެމީހުން ތިބެނީ ޕޮޓެއް ނުވަތަ ގުޅިއެއް ވެސް ހިފައިގެންވެ.
މި ވީޑިއޯތައް އާންމު ވުމާއެކު، މިހާރުވެސް ސެންސަރު ކުރުމުގެ ބޮޑު އޮޕަރެޝަނެއް ހިންގަމުން ދާ ޗައިނާ ސަރުކާރުން ވަނީ ވީޑިއޯތައް ޑިލީޓް ކުރަން ފަށައިފަ އެވެ.
ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތުގައި ލޮކްޑައުން ކުރުމާއި ވެކްސިން ޖެހުމާއި ކޮންޓެކްޓް ޓްރޭސިން ހެދުން ހަރުކަށި ކޮށްފައިވާ އިރު، 1.45 ބިލިއަންގެ އާބާދީ އޮންނަ ޗައިނާގެ 200 ތަނެއް މިހާރު ވެސް ހުރީ ލޮކްޑައުން ކޮށްފަ އެވެ. އެ ތަންތާނގައި މިލިއަނަކަށް ވުރެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޗައިނާއިން 2،675 ކޭސް ފެނިފައިވާއިރު، އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 802 މީހުން ވަނީ އިތުރުވެފަ އެވެ.
ރައީސް ޝީ ޖިންޕިން އަންގަވާފައިވާ ޒީރޯ ކޯވިޑް ޕޮލިސީގެ ދަށުން ސިޓީތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެނަމަ އެ ސަރަހައްދުގެ މީހުން ކަރަންޓީން ސެންޓަރުތަކަށް ބަދަލުކުރެ އެވެ.