ރާއްޖެއާއި ހަންގޭރީއާ ދެ ގައުމުގެ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖެއާ ހަންގޭރީއާ ދެމެދު މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ހަންގޭރީގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާޓޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ގައުމުން ސޮއިކޮށްފައި ވަނީ އިގްތިސާދީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމަކާއި މަތީ ތާއުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުމުގަ އެވެ.

މިގޮތުން އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދު އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އެވެ. މީގެ އިތުރަށް ހަންގޭރީން މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

މި އެއްބަސްވުންތަކުގައި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާޓޯ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިނިސްޓަރު ސިއާޓޯގެ މި ދަތުރުފުޅު ވެގެންދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މިއަދު ސޮއިކުރެވުނު މަތީ ތައުލީމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއިން ދިވެހި ދަރިވަރުންނަށް އަހަރަކު ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރު ކޮށްދީފަ އެވެ. އެގޮތުން 2024 ވަނަ އަހަރާ ހަމައަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ އެވެ.

ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުގެ ދަށުން ހަންގޭރީން ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ފުރުސަތާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ އެއްގޮތް ކަންތައްތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކުން ވެސް މަޝްވަރާކުރައްވާފަ އެވެ.